27 ޖޫން 2016 - 09:41

ރިޝްމީ ރަމީޒް "ވިޝްކާ" ގެ ރޯލުން ފެނިގެންދާ ކްރައިމް ޑްރާމާގެ ފުރަތަމަ ޓީޒާ އާންމުކުރުމާ އެކު ގިނަ ބަޔަކު އެންމެ ބޮޮޑަށް ފާހަގަކުރި އެއް ކަމަކީ ރިޝްމީ ފެންނަ ގޮތް ތަފާތުވުމެވެ. އޭނާ ފިލްމުން މި ފަހަރު ފެނިގެން ދާނީ، ކުރިން ފެނިގެން ނުދާ ފަދަ ތަފާތު ގޮތަކަށެވެ. ހާއްސަކޮށް ރިޝްމީގެ ހެއާ ސްޓައިލް މި ފަހަރު ވަރަށް ތަފާތެވެ.

އޭގެ ހުރިހާ ވެސް ކްރެޑިޓެއް ރިޝްމީގެ "ވިޝްކާ" އަށް ހާއްސަކޮށްގެން ނެގި މޭކަޕް އާޓިސްޓް ހުސައިން އަނީސް (ޖަސްޓިން) އަށެވެ.
ޔާރާ ޕްރޮޑަކްޝަނުން ގެނެސްދޭ "ވިޝްކާ" އަންނަ އޮގަސްޓް މަހު ސިނަމާ އަށް އަންނަ އިރު، ފިލްމުގެ ފަސްޓްލުކް ބޮލީވުޑްގެ ފިލްމް "އަކިރާ" އާ އެއްގޮތް ވާހަކައަކީ ވެސް ފާޑު ކިޔާ މީހުންގެ ސަމާލު ކަމަށް އައިސްފައި އޮތް ކަމެކެވެ. މެއި މަހުގެ ތެރޭގައި "ވިޝްކާ" ފޭސްބުކް ޕޭޖް އާންމުންނަށް ދޫކޮށްލި އިރު، ބަތަލާ ސޮނާކްސީ ސިންހާގެ "އަކިރާ" ގެ ޕޯސްޓަރު ދައްކާލީ މި މަހުގެ 20 ގަ އެވެ. ދެ ފިލްމުގެ ފަސްޓްލުކް ވެސް އޮތީ ގާތްގަނޑަކަށް އެއް ތައްގަނޑަކަށެވެ. މި ދެ ފިލްމުގެ ޓައިޓްލް ލިޔެފައި ވަނީ ހަމަ އާންމުކޮށް ފެންނަ ގޮތަކަށް ކަމަށް ވާތީ މިއީ އެހާ ބޮޑު ކަމަކަށް ހެދޭކަށް ނެތެވެ.
އަނެއްކާ ވެސް މިއޮތީ "ވިޝްކާ" އާ ގުޅުވައިގެން އެހެން ވާހަކަ އެވެ. މި ފަހަރު ރިޝްމީ އާއި ބަތަލާ ޝީލާ ނަޖީބްގެ އިސްތަށިގަނޑު އެއްގޮތްވި ވާހަކަ އެވެ.
ޝީލާގެ މި ސިފަޔަކީ އޭނާ މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމް "ބައިވެރިޔާ" އިން ފެނިގެންދާ ގޮތެވެ. މި ފިލްމަކީ ނިއުމާ މުހައްމަދާއި އިސްމާއީ ޝަފީއު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ ކޮމެޑީއެކެވެ.
ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ފޭސްބުކް ޕޭޖުން ފެނުމާ އެކު، ގިނަ ބަޔަކަށް އެންމެ ބޮޑަށް އަޅައިގަތީ އޭނާގެ ހެއާ ސްޓައިލެވެ. ހަމަ ރިޝްމީގެ ސްޓައިލެވެ.
އެހެންވެ ޝީލާ މިއޮތީ ރިޝްމީ ކޮޕީކޮށްފައި ކަމަށް ބުނެވިދާނެ ހެއްޔެވެ؟ ޝީލާގެ އިސްތަށިގަނޑު ސްޓައިލްކޮށްފައި އޮތް ގޮތާއި އިސްތަށިގަނޑުގެ ކުލަ ރިޝްމީގެ "ވިޝްކާ" އާ ހަމަ ދާދި އެއްގޮތެވެ.
ރިޝްމީ ބުނި ގޮތުގައި "ވިޝްކާ" ލުކް ކަމުގޮސްގެން ވަރަށް ގިނަ ފޭނުން އޭނާ އަށް ކޮމެންޓްކޮށްފައިވެ އެވެ. އެހެންވެ ފާޑު ކިޔާ މީހުން ބުނާނީ ޝީލާ އަށް އެ ލުކް މާ ބޮޑަށް ކަމުގޮސްގެން ކޮޕީކުރީ ކަމަށެވެ.
ޝީލާ މިކަމަށް ރައްދު ދޭނެ ގޮތަކަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ. އޭނާއަކީ އަބަދު ވެސް ތަފާތު ގޮތްގޮތަށް ފިލްމުތަކުން ފެންނަ ބަތަލާއެއްކަން ފާހަގަކޮށްލަން ވެސް ޖެހެ އެވެ.
އެގޮތުން "ޒުލޭހާ" ގައި ޝީލާ ފެނިގެންދާ ބުޅި އިސްތަށިގަނޑާއި "ޒަލްޒަލާ އެނބުރި އައުން" އިން ފެނިގެންދާ ކުރު، ފަން އިސްތަށިގަނޑުގެ ލުކް ހަނދާނަށް ގެންނަން ޖެހެ އެވެ. އެކްސްޕެރިމަންޓް ކުރުމަކުން ގޯހެއް ނެތެވެ.