08 އޯގަސްޓް 2017 - 05:49

ބޮލީވުޑްގައި މާ ބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް، އެކްޓަރު ވިވެކް އޮބެރޯއި އަކީ އޭނާގެ ފައިސާ އިޖުތިމާއީ ހިދުމަތްތަކަށް ވަރަށް ބޮޑަށް އިންވެސްޓް ކުރާ އެކްޓަރެކެވެ. ގެދޮރު ނެތް މީހުންނަށް ގެދޮރު ހޯދައި ދިނުމަކީ މިހާރު ވެސް އޭނާ ރިއަލް ސްޓޭޓް ވިޔަފާރީގެ ތެރެއިން ކުރާ ކަމެކެވެ.
"ކޮމްޕެނީ" އާއި "ސާތިޔާ" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު ވަނީ އަނެއްކާ ވެސް އެހެން ހިދުމަތެއްގެ ތެރެއަށް އިންވެސްޓް ކުރަން ނިންމައިފަ އެވެ. އެގޮތުން މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ސްކައިލިމިޓް ވެލްނެސްގެ ބޮޑު ހިއްސާއެއް ވިވެކް ވަނީ ގަނެފަ އެވެ.
ނަމަވެސް އޭނާ އަށް ސްކައިލިމިޓުން ވިއްކާލީ އެ ކުންފުނީގެ ކިތައް ޕަސަންޓް ހިއްސާ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްކައިލިމިޓް ވެލްނެސްގެ ފައުންޑާ ހަރޭސް އެމް މެހެތާއާ ގުޅިގެން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ވިވެކް ވަނީ އެ ކުންފުނީގައި 500 ކްރޯޑް ރުޕީސް އިންވެސްޓް ކުރަން ނިންމައިފަ އެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ އެކި ސަރަހައްދުގައި މަތީ ފެންވަރުގެ އާލާތްތަކާ އެކު، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދޭނެ 150 ކްލިނިކް ގާއިމު ކުރާނެ އެވެ.
ދާދި ފަހުން ރިލީޒް ކުރި "ބޭންކް ޗޯރް" ގެ ބަތަލު ބުނީ ސިއްހީ ދާއިރާ އަށް އޭނާ އިންވެސްޓް ކުރަން ނިންމީ އެމެރިކާގައި ސިއްހީ ހިދުމަތް ދޭން މިހާރު ބޭނުން ކުރާ ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތައް އިންޑިއާގައި ވެސް ގާއިމު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސިއްހީ ހިދުމަތަކަކީ އަސާސީ ހިދުމަތަކަށްވާތީ، މީގެ ފައިދާ ރައްޔިތުންނަށް ސީދާކޮށް ފޯރާނެ ކަމަށް ބުންޏެވެ.
ސްކައިލިމިޓް އިންޓަގްރޭޓެޑް ވެލްނެސް ސޮލިއުޝަނަކީ އެމެރިކާގައި 2012 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ.
ވިވެކް، 40، ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 24 ގައި ރިލީޒް ކުރާ ތަމަޅަ ސްޕައި ތުރިލާ "ވިވެގަމް" އިންނެވެ.