ވެރިކަމަށް އަންނަން އުޅޭ ވާހަކަތައް ޕެންސް ދޮގުކުރައްވައިފި
ވެރިކަމަށް އަންނަން އުޅޭ ވާހަކަތައް ޕެންސް ދޮގުކުރައްވައިފި

ވޮޝިންޓަން (އޮގަސްޓް 7) - ދެހާސް ވިހި ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ނައިބް ރައީސް މައިކް ޕެންސް ދޮގު ކުރަައްވައިފި އެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނީ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ބަލާ ބައެއް ރިޕަބްލިކަނުން މިހާރު ވެސް "ހިޔަނި ކެމްޕޭނެއް" ފަށާފައިވާ ކަމަށެވެ. ބައެއް ފަރާތްތަކާ ހަވާލާ ދިނުމަށް ފަހު ނިއު ޔޯކް ޓައިމްސް އިން ބުނީ ޓްރަމްޕް ވާދަ ނުކުރައްވާ ނަމަ އިންތިޚާބަށް ނުކުންނެވުމަށް ޕެންސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށެވެ.

ނިއު ޔޯކް ޓައިމްސްގެ ރިޕޯޓާ ގުޅިގެން ޕެންސް ވިދާޅުވީ އެއީ އެމެރިކާ ސަރުކާރުގެ ތެރޭގައި ބައިބައިވުން އުފައްދަން ދައްކާ ވާހަކަތައް ކަމަށެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނީ އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި މައްސަލައާ ގުޅިގެން ވައިޓް ހައުސްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ރިޕަބްލިކަން ބައެއް މެންބަރުން ވަނީ އާ ސަރުކާރެއް ހޯދުމުގެ ވިސްނުން ކުރިއަށް ނެރެފައި ކަމަށެވެ. މި ގޮތުން ޕެންސް ވެސް ވަނީ ސަޕޯޓަރުންގެ ބޭސްއެއް އުފައްދަވާ ފަންޑު ހޯދުމުގެ ގްރޫޕެއް އުފައްދަވާފައި ކަމަށެވެ.

"ފޭކް ޚަބަރުތައް ކޮންމެ ގޮތަކަށް އައި ނަމަވެސް މުޅި ޓީމުގެ ފޯކަސް އޮތީ ރައީސްގެ އެޖެންޑާ ކުރިއަށް ނެރެ 2020 ގައި އެމަނިކުފާން އަލުން އިންތިޚާބު ކުރަން. އެނޫން ގޮތަކަށް ނެރޭ ޚިޔާލަކީ މޮޔަ އަދި ހެއްވާ ކަމެއް،" ޕެންސް ވިދާޅުވި އެވެ.

ވައިޓް ހައުސްގެ އެޑްވައިޒަރު ކެލިއާނީ ކޮންވޭ ވެސް ވަނީ ނިއު ޔޯކް ޓައިމްސްގެ ރިޕޯޓް ދޮގުކޮށްފަ އެވެ.

"އެއީ ވަރަށް ބޮޑު ތެދެއް. ނައިބް ރައީސް ވެސް ގެންދަވަނީ 2020 އަށް ތައްޔާރުވަމުން. އެއީ ނައިބް ރައީސްގެ މަގާމަށް،" އޭބީސީގައި ވާހަކަ ދައްކަވަމުން ކޮންވޭ ވިދާޅުވި އެވެ.