ވެނެޒުއެލާގައި "ބަޣާވާތް" ކުރަން އުޅުނު ސިފައިން ހޯދަނީ
ވެނެޒުއެލާގައި "ބަޣާވާތް" ކުރަން އުޅުނު ސިފައިން ހޯދަނީ

ކަރާކަސް (އޮގަސްޓް 7) - އަސްކަރީ މަރުކަޒަކަށް ހަމަލާ ދިނުމަށް ފަހު ހަތިޔާރާ އެކު ފިލި 10 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

ހަމަލާ ދީފައި ވަނީ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ވެލެންސިއާ އަށެވެ. ހަމަލާ ދިން 20 މީހުންގެ ތެރޭން ދެ މީހުން ވަނީ މަރުވެފަ އެވެ. އެކަކު ޒަޚަމްވި އިރު ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށް މަދޫރޯ ވިދާޅުވި އެވެ.

ސަރުކާރުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ސިފައިންގެ ތެރޭން ފިލައިގެން އުޅުނު ލެފްޓިނެންޓަކު ވެސް ހިމެނޭ ކަމަށެވެ. ދެން ތިބީ ސިފައިންގެ ޔުނިފޯމް އަޅައިގެން ތިބި އާއްމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ޔުނިފޯމުގައި ތިބި ބަޔަކު ވަނީ "އަނިޔާވެރި ވެރިކަމާ ދެކޮޅަށް އެ މީހުން ތެދުވެއްޖެ" ކަމަށް ބުނެފަ އެވެ. ގްރޫޕުގެ ލީޑަރަކަށް ހުރި ހުއާން ކަގުއަރިޕާނޯ ބުނީ "41 ވަނަ ބްރިގޭޑް" ގެ ނަމުގައި އުފައްދާފައިވާ ގްރޫޕުގެ ބޭނުމަކީ މަދޫރޯގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ ގާނޫނު އަސާސީގެ އަމުރު އަލުން ދަމަހައްޓަން އަސްކަރީ ފިޔަވަޅު އެޅުން ކަމަށެވެ. އަދި އެއީ ބަޣާވާތެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ރަސްމީ ޓީވީގައި ވާހަކަ ދައްކަވަމުން މަދޫރޯ ވަނީ ހަމަލާ ހުއްޓުވުމަށް ސިފައިންގެ ފަރާތުން އައި އަވަސް ރައްދަށް ތައުރީފް ކުރައްވައިފަ އެވެ. އަދި އެއީ ކުލީ ސިފައިން ދިން "ޓެރަރިސްޓް ހަމަލާއެއްގެ" ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.

"ސަލާމަތީ ފަރާތްތަކުން މިހާރު ދަނީ އެ މީހުން ހޯދަމުން. ހަމަލާ ދިނުމަށް ފަހު ފިލި މީހުން ހޯދާނަން،" މަދޫރޯ ވިދާޅުވި އެވެ.

ވެލެންސިއާގެ ވަށައިގެންވާ ހިސާބުތަކުގެ މަގުތައް ސިފައިން ނުކުމެ ދަނީ ބަލަހައްޓަމުންނެވެ. މި އޮޕަރޭޝަނުގައި ދަނީ ހެލިކޮޕްޓަރެއް ވެސް ބޭނުން ކުރަމުންނެވެ.

މަދޫރޯ ވިދާޅުވީ ބަޣާވާތް ކުރަން އުޅުނު މީހުންނަށް ހިތްވަރުދީފައި ވަނީ އެމެރިކާ އާއި ކޮލަމްބިއާގައި ތިބި ވެނެޒުއެލާ ސަރުކާރާ ދެކޮޅު ފަރާތްތައް ކަމަށެވެ.

ވެލެންސިއާގައި ހަމަލާދީފައި މިވަނީ އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނިކޮށެވެ. އެތައް ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް ބޭއްވި އިންތިޚާބަށް ފަހު ހޮވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވަނީ މަދޫރޯ އަށް ފާޑުވިދާޅުވަމުން ގެންދަވާ ޕްރޮސެކިއުޓާ ޖެނެރަލް ލުއިސާ އޮރްޓެގާ މަގާމުން ދުރުކޮށްފަ އެވެ.

ވެނެޒުއެލާގައި ދަނީ މިދިޔަ އެޕްރީލް މަހުން ފެށިގެން ހަމަނުޖެހުންތައް ހިންގަމުންނެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ގައުމުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ތަކެތީގެ އަގު ވަނީ 700 ޕަސެންޓް ބޮޑުވެފަ އެވެ.