26 ޖޫން 2016 - 23:47

ލިލް، ފްރާންސް (ޖޫން 26) - ފަސޭހަކަމާ އެކު 3-0 އިން ސްލޮވާކިއާ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން މިރޭ ޖާގަ ހޯދައިފި އެވެ.
ކުއާޓާ ފައިނަލުގައި ޖަރުމަން ބައްދަލުކުރަން ޖެހޭނީ ދެ ވަނަ ބުރުގައި މާދަމާރޭ އިޓަލީ އާއި ސްޕެއިން ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މުބާރާތުގައި މިހާތަނަށް ބައިކޮޅަށް ގޯލެއް ވަދެފައި ނުވާ ޖަރުމަނުން ވަނީ މިރޭގެ މެޗު އެއްކޮށް ޑޮމިނޭޓްކޮށް އުނދަގުލަކާ ނުލާ މެޗުން މޮޅުވެފަ އެވެ.
އެ ޓީމަށް މެޗު ފަށައިގެން ކުރީކޮޅު ލީޑު ނެގުމަށް ވަރަށް ރަނގަޅު ފުުރުސަތެއް ލިބި ބޭކާރުވި އެވެ. އަރިމަތިން ނެގި ހުރަހެއް ގޯލް އޭރިއާ ތެރެއިން ސާމީ ކެދީރާ ބޮލުން ޖެހުމުން ދިޔައީ، ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. އެކަމަކު މެޗުގެ 8 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ޖެރޯމް ބޯޓެން ވަނީ ޓީމަށް ލީޑު ނަގައިދީފަ އެވެ. ކޯނަރަކުން ޓޯނީ ކްރޫސް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ސްލޮވާކިއާ ޑިފެންޑަރަކު ބޮލުން ފަހަތަށް ޖައްސާލުމުން، އެ ބޯޅަ ހޯދައި ބޯޓެން ވަނީ އޭރިއާ ބޭރުން ޖަހައި ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
އޭގެ ފަހުން ޖަރުމަނަށް ލީޑު ފުޅާކުރުމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް މެސުތު އޮޒިލް ޖެހި ޕެނަލްޓީ ސްލޮވާކިއާ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. މިއީ އޭރިއާ ތެރެއިން ޖަރުމަނުގެ މާރިއޯ ގޯމޭޒަށް ސްލޮވާކިއާ ކެޕްޓަން މާޓިން ސްކާޓެލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ އިރުކޮޅެއް ފަހުން އޮޒިލް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ ވެސް ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ޖަރުމަނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްފަ އެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ސްލޮވާކިއާ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ހޫލިއަން ޑްރެޒްލާ ދިން ބޯޅަ ގޯލް ތެރެއަށް ވައްދާލީ ގޯމޭޒެވެ.
ދެ ވަނަ ހާފު ފަށައިގެން ސްލޮވާކިއާ އިން ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު އެ ޓީމުގެ ޔުރާޖް ކުޗްކާ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ މަތަކުރި އެވެ. ފުރަތަމަ ހާފުގައި ކުޗްކާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިންނެވެ.
ޖަރުމަނުގެ ތިން ވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖެހީ ޑްރެޒްލާ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ މެޓްސް ހަމެލްސް ބޮލުން ޖައްސާލުމުން، ޑްރެޒްލާ އެ ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލީ ގޯލް ކުރިމަތީ ހުހަށް ހުރެ އެވެ. އޭގެ ފަހުން އެ ޓީމުގެ ކްރޫޒް އަށް ހަތަރު ވަނަ ލަނޑެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ސްލޮވާކިއާ ކީޕަރު މަތަކުރީ އެވެ.