07 އޯގަސްޓް 2017 - 00:18

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނަށް މިއަދު ވެގެން ދާނީ ވަރަށް ހިތްދަތި ދުވަހަކަށެވެ. ޖަލު ބަންދެއްގައި ހުއްޓާ މަންމަ ނާސިރާ އަހުމަދު، 64، އަވަހާރަވެގެން ދިޔައިރު، ޖަނާޒާގެ ކަންތައްތަކަށް ފަހު އަނެއްކާ ވެސް ވަނީ ވަގުތުން އަނބުރާ ދޫނިދޫ ޖަލަށް ގެންގޮސްފަ އެވެ.
ހާލު ސީރިއަސް ވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނިކޮށް ނާސިރާ އަވަހާރަވީ މިއަދު ހެނދުނު 9:30ހާއިރެވެ. މިދިޔަ އޭޕްރީލް މަހު ވެސް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ބާއްވައިގެން ނާސިރާ އަށް ފަރުވާދީފައިވެ އެވެ.
އޭނާ އަވަހާރި ވަގުތުން ފެށިގެން ސައުދު މާލެ ގެނައުމަށް އާއިލާއިންނާއި ވަކީލުން ވެސް ވަރަށް މަސައްކަތްކުރެއްވި އެވެ. ނަމަވެސް މެންދުރު 2:30 ހާއިރު މާލެ ގެނެސް ޖަނާޒާގެ ކަންތައްތައް ނިންމައި ގަޑިއިރެއްހާ ފަހުން އޭނާ ވަނީ އަނެއްކާ ވެސް ގެންގޮސްފަ އެވެ.
އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ގޮތުގައި ސައުދުގެ މަންމަ އަވަހާރަވީ، ލިވަ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އިންޑިއާ އަށް ވަޑައިގަތުމަށް ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮންނެވެ. ނަމަވެސް ސައުދު ހައްޔަރުކުރުމުން ފުރޭ ގޮތް ނުވީ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާސަހަރާ ސައުދު ވަޑައިގެންނެވި އިރު ވެސް ސައުދު ހުރީ ވަރަށް ގަދައަށް ރޮއިފަ އެވެ. އަދި ސަހަރާގައި ވެސް ސައުދަށް ރޮވެމުން ދިޔަ އެވެ. ނަމަވެސް އާއިލާގެ މެމްބަރުންނަށް ވެސް ވަރަށް ހިތްވަރު ދީ ހެއްދެވި އެވެ.
"މަންމަ ފެނުމާއެކު ސައުދު ފަޅައިގެން ދިޔައީ. ވަރަށް ހިތްދަތި ވަގުތުކޮޅެއް. ޖަނާޒާގެ ކަންތައްތަކަށް ފަހު އަނެއްކާ ވެސް ޖަލަށް ގެންގޮސްފައި މިވަނީ. މިއީ މުޅި އާއިލާ އަށް ވެސް ވަރަށް ހިތްދަތި ވަގުތުކޮޅެއް،" އާއިލާއިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
މީގެ ކުރިން ސައުދުގެ ބައްޕަ އަވަހާރަވުމުން، ދަރިންގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވީ މަންމަ އެވެ. ތިން ފިރިހެން ބޭފުޅުންނާއި އަންހެން ކޮއްކޮއެއް ހުންނަ އެ އާއިލާގައި ސައުދަކީ ދެ ވަނަ އަށް ދޮށީ ބޭފުޅާ އެވެ.
ޖަނާޒާގެ ކަންތައްތަކަށް ފަހު އަނބުރާ ޖަލަށް ގެންދަނިކޮށް، އޭނާގެ ބޮޑުދައިތައެއްގެ ގައިގައި ބައްދާލައިގެން ހުރި އަސަރު ގަދަ ފޮޓޯއެއް ވެސް ދަނީ ދައުރުވަމުންނެވެ. އަދި މިފަދަ ވަގުތެއްގައި އާއިލާ ކައިރީގައި ނުބަހައްޓައި ސައުދު ވަގުތުން ޖަލަށް ގެންދިއުމުން އާންމުން ދަނީ "އެއީ ހަމަ އެހާ ބޮޑު ކުށްވެރިއަކީތޯ" އަހައި ފާޑު ކިޔަމުންނެވެ.
"މިއީ ސައުދަށް ވެސް އަދި އޭނާގެ އާއިލާ އަށް ވެސް އެންމެ މުހިންމު ވަގުތުކޮޅު. ހެޔޮ ނުވާނެ އެހެން ހަދާކަށް." އާންމު މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވެ އެވެ.
ސައުދުގެ ދެބެންގެ ދެދަރި އަދި އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވީ ކުރާ ތުހުމަތާއި ހާލަތަށް ބެލުމަށްފަހު އަނބުރާ ޖަލަށް ގެންދިއުމަށް މިއީ އެންމެ މުނާސަބު ވަގުތު ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިސްތިއުނާފަށް ހުށަހަޅާފައިވާތީ، ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ކޯޓުގައި އެދެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ސައުދުގެ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލާގައި އޭނާ މިދިޔަ މަހުގެ 28 ގައި ހައްޔަރުކޮށް ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.