ގާސިމް ހާޒިރެއް ނުވި، ޝަރީއަތް ކެންސަލް
ގާސިމް ހާޒިރެއް ނުވި، ޝަރީއަތް ކެންސަލް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުގައި ދައުވާކުރާ މައްސަލައިގެ މިރޭގެ އަޑުއެހުމަށް ހާޒިރުވާން އެންގިޔަސް ގާސިމް ހާޒިރުވެ ވަޑައިނުގަތުމުން މިރޭގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސައިން ޝަމީމް ވިދާޅުވީ ގާސިމާއި އޭނާގެ ދިފާއީ ވަކީލުން ވެސް މިރޭ ކޯޓަށް ހާޒިރު ނުވާނެ ކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮތްގޮތުން ބަލިވެގެން ކޯޓަށް ހާޒިރު ނުވެވޭ ނަމަ ދެ ދުވަސް ވަންދެން އެ މައްސަލައެއްގެ އިތުރު އަޑުއެހުމެއް ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާސިމް ވެސް އަދި އަޅުގަނޑުމެންގެ ވަކީލުން ވެސް ހާޒިރެއް ނުވާނެ،" ޝަމީމް ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާގޮތުން ހެކިބަސް ނަގާ އަޑުއެހުމަށް މަގްބޫލު އުޒުރެއް ނެތި ދައުވާލިބޭ ފަރާތުން ހާޒިރު ނުވެއްޖެ ނަމަ، އެތަނުގައި ހާޒިރުވެ ހުރުމުގެ ހައްގު ދޫކޮށްލީ ކަމަށް ބެލެވޭނެ އެވެ.

ގާސިމްގެ ސިއްހީ ހާލަތު ގޯސްވެ، އޭނާ ރާއްޖެއިން ބޭރުން އޮޕަރޭޝަން ކުރަންޖެހޭ ކަމަށް އޭނާގެ ވަކީލުން ވަނީ ބުނެފަ އެވެ. އެކަމަކު އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އޭނާއަށް ފުރޭ ގޮތެއް އަދި ނުވެ އެވެ.