ވައިޓްހައުސް ބޮޑު މަރާމާތަކަށް
ވައިޓްހައުސް ބޮޑު މަރާމާތަކަށް

ވޮޝިންޓަން (އޮގަސްޓް 6) - ރައީސް ޑޮނަލްޑް ޓްރަމްޕް 17 ދުވަހުގެ ދިގު ޗުއްޓީއެއް ނެންގެވުމާ އެކު ވައިޓްހައުސް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެންމެ ބޮޑު މަރާމާތެއް ކުރަން ޖެހެނީ ވެސްޓް ވިންގަށެވެ. ސްޓްރަކްޗާ އަށް ގެންނަ ބަދަލުތަކުގެ އިތުރުން ސީލިން އިން ފެން ލީކުވާ ތަންތަން ވެސް މަރާމާތު ކުރާނެ އެވެ. މީގެ އިތުރުން ސައުތު ޕޯޓިކޯގެ ހަރުފަތްތައް މަރާމާތުކޮށް ސައުތު ލޯން އަށް ވެސް ބަދަލުތައް ގެންނާނެ އެވެ. އިތުރު ބަދަލުތަކުގެ ތެރޭގައި ނޭވީ މެސް ކިޗަން އާއި ވެސްޓް ވިންގް ލޯވާ ލޮބީ މަރާމާތު ކުރުން ވެސް ހިމެނެ އެވެ. ޓްރަމްޕް ވަޑައިގަތުމުގެ ކުރިން އައިޓީ ސިސްޓަމް ރަނގަޅުކޮށް، ހީޓިން އަދި އެއާކަންޑިޝަނާއި ވެންޓިލޭޝަން ނިޒާމު ވެސް ރަނގަޅު ކުރާނެ އެވެ. މިއީ 27 އަހަރުވީ ސިސްޓަމެކެވެ.

ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވީ އީސްޓް ވިންގަށް ވެސް ބައެއް ބަދަލުތައް ގެންނާނެ ކަމަށެވެ. ވައިޓް ހައުސް މަރާމާތުގެ މަސައްކަތަށް ހުއްދަ ދީފައި ވަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުންނެވެ.

ރައީސް ޓްރަމްޕާ އެކު ވެސްޓް ވިންގުގެ ބައެއް ސީނިއާ ސްޓާފުން ވަޑައިގެންނެވި ނަމަވެސް މަރާމާތުގެ މަސައްކަތް ހިންގާ އިރު ވެސްޓް ވިންގުގެ ހުރިހާ ސްޓާފުންނަށް ޗުއްޓީއެއް ނުދެ އެވެ. އެ މީހުން މަސައްކަތް ކުރާނީ ޖެހިގެން ހުރި އައިޒަންހާވާ އެގްޒެކެޓިވް އޮފީސް އިމާރާތުގަ އެވެ.

ރައީސް ޓްރަމްޕް ވަނީ ވައިޓް ހައުސް އަކީ ދިރިއުޅެން އެންމެ ހިތްގައިމު ގެ ކަމަށް ވިޔަސް ވެސްޓް ވިންގަށް ބައެއް މަރާމާތު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސްގެ ރަސްމީ އޯވަލް އޮފީހުގައި މެހި ގިނަވުމުން ސީނިއާ އޮފިޝަލުންގެ ބައްދަލުވުންތަކަށް ވެސް ބައެއް ފަހަރު ވަނީ އުނދަގޫވެފަ އެވެ. މެހި މަރަން އޯވަލް އޮފީހުގައި މެހި މަރާ ލައިޓް ވެސް ބަހައްޓާފައި ހުރެ އެވެ.

ވައިޓް ހައުސްގެ ވެސްޓް ވިންގަކީ އެމެރިކާގެ ރައީސްގެ އެންމެ މުހިންމު އޮފީސްތައް ހިމެނޭ އެގްޒެކެޓިވް އޮފީސް އިމާރާތެވެ. ރައީސްގެ ރަސްމީ އޯވަލް އޮފީހާއި ކެބިނެޓް ރޫމާއި ސިޗުއޭޝަން ރޫމް އަދި ރޫޒްވެލްޓް މީޓިން ރޫމް ވެސް ގާއިމްކޮށްފައި ވަނީ ވެސްޓް ވިންގުގަ އެވެ. ވެސްޓް ވިންގުގެ ތިން ފްލޯގައި ވައިޓް ހައުސް ޗީފް އޮފް ސްޓާފް، ކައުންސެލާ ޓު ދަ ޕްރެޒިޑެންޓް، ސީނިއާ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ އޮފީސް ވެސް ހުރެ އެވެ. ނައިބް ރައީސްގެ އޮފީހެއް ވެސްޓް ވިންގުގައި ހުރި ނަމަވެސް ރަސްމީ އޮފީސް ހުންނަނީ ޖެހިގެން ހުންނަ އައިޒަންހާ އެގްޒެކެޓިވް އޮފީސް އިމާރާތުގަ އެވެ.