ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ފަށައިފި
ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށައިފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ފާރިސް ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ފާރިސްގެ ފަރާތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ. ފާރިސް ހައްޔަރު ކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔައިރު މިއަދު ކުރިއަށް ގެންދިޔައީ އޭނާ ބަންދުގައި ބަހައްޓަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމެވެ.

ހައްޔަރު ކުރުމުގެ އަމުރާއި ބަންދުގެ އަމުރުތަކުގެ އިސްތިއުނާފް ހުރިހާ މައްސަލަތަކަކީ ސިއްރު ކޮށްގެން ހިންގާ ބާވަތުގެ މައްސަލަތަކަކަށް ވާތީ ފާރިސްގެ މައްސަލާގެ ވެސް މިއަދު ބޭއްވި އަޑުއެހުމުގެ ތަފްސީލެއް ނުލިބެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވަން ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ ނިމެންދެން ފާރިސް ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމުގެ އަމުރަކަށް ފާރިސްގެ ފަރާތުން އެދުނު ކަމަށްވެ އެވެ. އެކަމަކު އެ އަމުރާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސަމީރެވެ.

ފާރިސް ހައްޔަރު ކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ހަައި ކޯޓުން ވަނީ ނިންމާލަައިފަ އެވެ. އެހެންވެ، އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ބެލެވެ އެވެ.

ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލާގައި ފާރިސް ހައްޔަރުކޮށް، ތަހުގީގު ހިންގަމުންދާއިރު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލައި، ޝަރީއަތް އަންނަނީ ހިނގަމުންނެވެ.