ނެޝަނަލް އެވޯޑް ލިބުމުން ޓްވިންކަލްގެ ބެވުންތައް ހުއްޓިއްޖެ: އަކްޝޭ
ނެޝަނަލް އެވޯޑް ލިބުމުން ޓްވިންކަލްގެ ބެވުންތައް ހުއްޓިއްޖެ: އަކްޝޭ

ކާމިޔާބު އެތައް ފިލްމެއް ކުޅުނު ނަމަވެސް މި އަހަރާ ހަމައަށް އެއްވެސް ފިލްމަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައި ނުވާތީ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ކުރާ މަލާމާތް މިހާރު ހުއްޓިފައިވާ ކަމަށް މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު އަކްޝޭ ކުމާރު ބުނެފި އެވެ.

އަކްޝޭ މިހާތަނަށް ކުޅުނު އެއްވެސް ފިލްމަކުން، އެންމެ މޮޅު އެކްޓަރުގެ ޕޮޕިއުލާ އެވޯޑެއް ވެސް އުފުލައިލެވިފައެއް ނެތެވެ. ނަމަވެސް މިދިޔަ އަހަރު ރިލީޒްވި "ރުސްތުމް" އާއި "އެއާލިފްޓް" ގައި ދައްކުވައި ދިން މޮޅު އެކްޓިންއާ އެކު އަކްޝޭ އަށް ވަނީ ނެޝަނަލް އެވޯޑް ލިބިފަ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ އެވޯޑެއް ނުލިބޭތީ ޓްވިންކަލް ކުރިން ވަރަށް މަލާމާތްކޮށް ޖެއްސުން ކުރާ ކަމަށެވެ. ޓްވިންކަލްގެ މަންމަ ޑިމްޕަލް ކަޕާޑިއާ އާއި ބައްޕަ ރާޖޭޝް ކަންނާއަކީ ވެސް ނެޝަނަލް އެވޯޑްތަކުގެ އިތުރަށް ޕޮޕިއުލާ ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ދެ ތަރިންނަށް ވާތީ، އެ ޕްރެޝަރު ޓްވިންކަލް ބޮޑު ކުރާ ކަމަށް އަކްޝޭ ބުންޏެވެ.

"ޓްވިންކަލް އަބަދު ވެސް އަހަންނާ ދިމާއަށް ބުނާނެ އާއިލާގެ އެހެން މީހުން ވަރަށް ގިނަ އެވޯޑްތައް ހޯދައިފިއޭ. އަހަރެން ކީއްހޭ އިންޑަސްޓްރީ ކުރަނީ،" އޭނާ ބުންޏެވެ. "އެކަމަކު ނެޝަނަލް އެވޯޑް ލިބުމުން ޓްވިންކަލްގެ ބެވުންތަކާއި މަލާމާތްތައް މިހާރު ހުއްޓިއްޖެ."

އަކްޝޭ މިހާރު ވެސް އަންނަނީ ފުލުފުލުގައި ފިލްމްތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުން ޕްރޮޑިއުސް ކުރާ ފިލްމެއް ވެސް ހިމެނެ އެވެ. އެއީ އާރް ބަލްކީ ޑައިރެކްޓް ކުރާ "ޕެޑްމޭން" އެވެ.

އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އިންނެވެ. އޭނާ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ރަޖްނީ ކާންތުގެ "2.0" އާއި ރީމާ ކަތުގީގެ "ގޯލްޑް" ފާހަގަކޮށްލެވެ އެވެ.