އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދުމުގައި މުހިއްމު ކުރިއެރުމެއް
އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދުމުގައި މުހިއްމު ކުރިއެރުމެއް

އަރިދަފުސް ރޯގާ އަށް ފަރުވާއެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް މުހިއްމު ހިސާބަކަށް ދެވިއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ސްކޮޓްލަންޑްގެ އެޑިންބަރާ ނޭޕިއާ ޔުނިވަސިޓީގެ ރިސާޗަރުން ބުނާގޮތުގައި އިންސާނުންނާއި ޖަނަވާރުންގެ ދިފާއީ ނިޒާމުގައި ގުދުރަތީގޮތުން އުފެދިފައި ހުންނަ އެންޓިމައިކްރޯބިއަލް ޕެޕްޓައިޑްސް އަށް ބިނާކޮށް އެފަދަ ފަރުވާއެއް އީޖާދުކުރެވިދާނެ އެވެ.

އަރިދަފުސް ރޯގާ ޖައްސާ މައިގަނޑު ވައިރަސް ކަމަށްވާ ރައިނޯވައިރަސްއާ ދެކޮޅަށް އެންޓިމައިކްރޯބިއަލް ޕެޕްޓައިޑްސް މަސައްކަތްކުރާ ގޮތް އެ ޓީމުން ވަނީ ހޯދައިފަ އެވެ.

އޫރާއި ކަންބަޅީގެ އެންޓިމައިކްރޯބިއަލް ޕެޕްޓައިޑްސްއާ އެއްގޮތަށް ޕެޕްޓައިޑްސް ހަދައިގެން، ރައިނޯވައިރަސްގެ އަސަރުކޮށްފައިވާ ފުއްޕާމޭގެ ސެލްތަކާ މެދު އެ ޕެޕްޓައިޑްސް އަމަލުކުރަނީ ކިހިނެއްތޯ ބެލި އިރު ވައިރަސް އަށް ޕެޕްޓައިޑްސް ކާމިޔާބުކަމާ އެކު ހަމަލާ ދެ އެވެ. ގުދުރަތީ ޕެޕްޓައިޑްސް އަށް ބިނާކޮށްގެން ފަރުވާއެއް ހޯދާނީ ކިހިނެއްކަން މި ދިރާސާގެ އަލީގައި ދެނެގަނެވިދާނެ އެވެ.

އެޑިންބަރާ ނޭޕިއާ ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. ޕީޓަ ބާލޯ ވިދާޅުވިގޮތުގައި އޭނާގެ ޓީމުން ދެން އުޅޭނީ ވައިރަސް މަރާލުމުގައި އަދިވެސް ބޮޑަށް ކާމިޔާބުވާނެ ގޮތަށް ޕެޕްޓައިޑްސް އަށް ބަދަލު ގެނައުމަށެވެ.

"އަދި މިއީ މި ދިރާސާގެ ކުރީކޮޅު. އެކަމަކު އަޅުގަނޑުމެން އެންމެ ފަހުން ބަލާނީ އަރިދަފުސް ރޯގާ އަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބޭހެއް އުފައްދަން،" އޭނާ ވިދާޅުވި އެވެ.

ކާމިޔާބު ފަރުވާއެއް ހޯދިއްޖެ ނަމަ، އެސްމާ ފަދަ ފުއްޕާމޭގެ ސީރިއަސް މައްސަލަތައް ހުންނަ މީހުންނަށް ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ. އެފަދަ މީހުންނަށް ވައިރަލް އިންފެކްޝަނެއް ޖެހިއްޖެ ނަމަ ނުރައްކާތެރި ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮވެ އެވެ.

-ބީބީސީ