07 އޯގަސްޓް 2017 - 06:20

ވިހެއުމަށް ފަހު ފަލަވާ އަންހެނުންނަށް، ދެ ވަނަ ފަހަރަށް ބަލިވެ އިންނައިރު ހަކުރު ބަލީގެ ނުރައްކާ އިތުރުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ބަލިވެއިނުމުގެ ކުރިން ބަރުދަން ހުންނަ މިންވަރާއި ބަލިވެ އިނުމަށް ފަހު ހޭދަވާ މުއްދަތުގައި ބަރުދަން ހުންނަ ވަރަކީ މާބަނޑު މީހުންނަށް ހަކުރު ބަލި ޖެހުމަށް އޮންނަ ފުރުސަތު ވަޒަންކުރުމަށް ބަލަންޖެހޭ ކަންކަމެކެވެ. މާބަނޑު ދުވަސްވަރު ޖެހޭ ހަކުރުބަލި ނުވަތަ ގެސްޓޭޝަނަލް ޑައެބެޓީސްގެ ސަބަބުން މަންމަ އާއި ދަރިފުޅަށް ވެސް ސިއްހީ އެކި މައްސަލަތައް ދިމާވެ އެވެ.
ނޯވޭގެ ޔުނިވަސިޓީ އޮފް ބާގެންއިން، ލިން ސޯބީ އިސްކޮށް ހުންނަވައިގެން ވަނީ، އެއް ފަހަރު ނުވަތަ އެއަށް ވުރެ ގިނަ ފަހަރު ބަލިވެ އިނދެ ވިހާފައިވާ މީހުންނަށް ހަކުރު ބަލީގެ ނުރައްކާ ކުރިމަތިވި މިންވަރު ދެނެގެންފަ އެވެ.
މި ދިރާސާގައި 24،200 އަންހެނަކު ބައިވެރޮކޮށްފައިވެ އެވެ. ދިރާސާ ޓީމުން ވަނީ މި މީހުންގެ ހަކުރު ބަލީގެ ހާލަތު އެކި ދުވަސްވަރު ހުރި ގޮތާއި ބޮޑީމާސް އިންޑެކްސް އަދި މާބަނޑު އިރު ހަކުރުބަލީގެ މައްސަލަ ކުރިމަތިވި މިންވަރު ދެނެގެންފަ އެވެ.
ފުރަތަމަ ބަލިވެ އިނުމާ ގުޅިގެން މީގެ ތެރެއިން 36 ޕަސެންޓް މީހުން ފަލަވިކަން ދިރާސާއިން އެނގުނެވެ. އަދި މީގެ ތެރެއިން، ބަލިވެ އިނުމާ ގުޅިގެން ހަކުރު ބަލީގެ ނުރައްކާ އެންމެ ބޮޑީ ފުރަތަމަ ބަލިވެ އިނުމަށް ފަހު މާބޮޑަށް ފަލަވި މީހުންނަށްކަން އެނގުނެވެ. އަދި ހަކުރު ބަލީގެ ނުރައްކާ އެންމެ ބޮޑުވީ، ބަލިވެ އިނުމުގެ ކުރިން ހުރި ވަރަށް ވުރެ ދެ ގުނަ ބަރުވި މީހުންނަށް ކަން ވެސް ދިރާސާއިން ދެއްކި އެވެ.
މި ދިރާސާ މިހާރު ވަނީ ޕްލޮސް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފަ އެވެ.