07 އޯގަސްޓް 2017 - 06:14

ބޮލީވުޑަށް އަލަށް ތައާރަފުވާން އުޅޭ ޒުވާން ކުދިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ ސައިފް އަލީ ހާނާއި އަމްރިތާ ސިންގްގެ އަންހެން ދަރިފުޅު ސާރާ އަލީ ހާނަށެވެ.
އޭނާ ކުޅޭ ފުރަތަމަ ފިލްމް "ކެދަރްނާތު" އިއުލާންކޮށްފައިވާ އިރު އެ ފިލްމަކީ އަންނަ އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރާނެ އެއް ފިލްމް ވެސް މެ އެވެ. "ފިތޫރް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އަބިޝެކް ކަޕޫރް ޑައިރެކްޓްކޮށް، ސުޝާންތު ސިންގް ރާޖްޕުޓް ބަތަލުގެ ރޯލް ކުޅޭ "ކެދަރްނާތު" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އެ ފިލްމްގެ މަސައްކަތް އަންނަ އޮކްޓޯބަރުގައި ފަށަން ތައްޔާރުވަމުން އަންނަ ސާރާގެ މަންމަ އަމްރިތާ މިހާރު ބޭނުން ވަނީ ސާރާ "ކޮންޓްރޯލްކޮށްފައި" ބަހައްޓާށެވެ. އޭނާއަކީ މިހާރު ވެސް ތަފާތު ހަފުލާތަކާއި ގާތް ރައްޓެހިންނާ އެކު ބޭރުތެރެއަށް ނިކުމެ މީހުންނާ އެކުވެގެން އުޅޭ ކުއްޖެކެވެ.
ނަމަވެސް އަމްރިތާ މިހާރު ބޭނުން ވަނީ އާންމުންގެ ތެރެއަށް ސާރާ ނިކުމެ އުޅުން މަދު ކުރާށެވެ. ހާއްސަކޮށް ފިރިހެން ރައްޓެހިންނާ އެކު، ސާރާ ބޭރުތެރޭގައި އުޅޭކަށް އަމްރިތާ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.
"ބޭތާބް" ގެ ބަތަލާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ މިހާރުގެ ކުދިންނަކީ ސޯޝަލް މީޑިއާގެ ސަބަބުން ވެސް ވަރަށް ބޮޑަށް ދޫވެފައި ތިބި ކުދިންތަކެއް ކަމަށެވެ. އަދި ތަފާތު މީސްމީހުންނާ ގުޅުން ބާއްވައި އެ މީހުންނާ އެކު އުޅޭ ތަން ފެނުމުން ފާޑުފާޑުގެ އަޑުތައް އަރާނެ ކަމަށް ބުންޏެވެ.
އެހެންވެ ސާރާ ތަފާތު ފިރިހެނުންނާ އަޅުވާ ކިޔައި މީޑިއާތަކުގެ ސުރުހީތަކަށް އޭނާގެ ވާހަކަ އަރަން ވެސް އަމްރިތާ ބޭނުމެއް ނޫނެވެ. މި ސަބަބާ ހުރެ އޭނާ ވަނީ 24 އަހަރުގެ ދަރިފުޅު "ހިފަހައްޓައިގެން ގެންގުޅެން" ބޭނުންވާ ކަމަށް ބުނެފަ އެވެ.
ދާދި ފަހުން މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސާރާ އުޅެނީ އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރާ ރައްޓެހިވެގެންނެވެ.