ވެނެޒުއެލާގެ ޗީފް ޕްރޮސެކިއުޓާ މަގާމުން ދުރުކޮށްފި
ވެނެޒުއެލާގެ ޗީފް ޕްރޮސެކިއުޓާ މަގާމުން ދުރުކޮށްފި

ކަރާކަސް (އޮގަސްޓް 6) - ވެނެޒުއެލާގެ ގާނޫނު ހަދާ މަޖިލީސް ހުވާ ކުރުން ހުއްޓުވަން ކޯޓު އަމުރެއް ހޯދަން މަސައްކަތްކޮށްފައިވަނިކޮށް ޗީފް ޕްރޮސެކިއުޓަރު ލުއިސާ އޮރްޓެގާ މަގާމުން ދުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން ބުނީ އޮރްޓެގާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އޮރްޓެގާގެ މައްޗަށް ތުހުމަތުކުރި ކަންކަމާ ގުޅޭ ތަފްސީލް ރައީސް ނިކޮލަސް މަދޫރޯ އަށް ވަފާތެރި ސުޕްރީމް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ވެނެޒުއެލާގައި އަލަށް އިންތިޚާބު ކުރި ޕާލަމެންޓުގެ ފުރަތަމަ ސެޝަންގައި އޮތީ އޮރްޓެގާ މަގާމުން ދުރުކުރުމުގެ މަައްސަލަ އެވެ. އޭގެ ކުރިން ވަނީ އޭނާ އޮފީހަށް ވަދެވަޑައިގަތުމުން ހުއްޓުވުމުގެ ގޮތުން ސިފައިން ނުކުމެ ޕްރޮސެކިއުޓާ އޮފީސް ހިސޯރުކޮށްފަ އެވެ.

އޮރްޓެގާ ނެރުއްވި ބަޔާނެއްގައި ވަނީ ރައީސް މަދޫރޯގެ ސަރުކާރުން ގާނޫނު އަސާސީއާ ދެކޮޅަށް ބަޣާވާތެއް ހިންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ވެނެޒުއެލާގައި މިދިޔަ މަހު 30 ވަނަ ދުވަހު އިންތިޚާބު ބޭއްވީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް އިންތިޚާބު ނުބޭއްވުމަށް ގޮވާލަމުން ދަނިކޮށެވެ. ރައީސް މަދޫރޯގެ ބޭނުމަކީ އިދިކޮޅު ފަރާތްތަކުގެ އަތުގައި އޮތް ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދުމަށް ފަހު ގާނޫނު އަސާސީ އަލުން ލިޔުމެވެ.

އަލަށް އިންތިޚާބު ކުރި 545 މެންބަރުންގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ މަދޫރޯގެ އަނބިކަނބަލުންނާއި ފިރިހެން ދަރިކަލުން ވެސް އިންތިޚާބުވެފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް ހޮވާފައި ވަނީ މަދޫރޯގެ ގާތް ފަރާތެއް ކަމަށްވާ އަދި ކުރީގެ ފޮރިން މިނިސްޓަރު ޑެލްސީ ރޮޑްރިގޭޒް އެވެ.