06 އޯގަސްޓް 2017 - 11:44

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން، މިއަދު ބާއްވަން ހަމަޖެއްސި އޭނާގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މިއަދުގެ ހެނދުނު ބާއްވަން އޮތް އަޑުއެހުން ކެންސަލްކުރީ އޭނާގެ ސިއްހީ ހާލަތު ގޯސްވެ، އޭޑީކޭގައި މިއަދު ފަތިހު އެޑްމިޓް ކުރުމުންނެވެ. ގާސިމްގެ ސިއްހީ ހާލަތު ގޯސްވުމުން މީގެ ކުރިން ދެ އަޑުއެހުމެއް ވެސް ކޯޓުން ކެންސަލްކުރި އެވެ.
ގާސިމަށް ދައުވާކުރާ މައްސަލައިގެ މިއަދުގެ އަޑުއެހުމަކީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭއްވި އަޑުއެހުމެކެވެ. އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ގާސިމްގެ ސިއްހީ ހާލަތު ހުރިގޮތުން އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ގާސިމްގެ ވަކީލުން އަންނަނީ ބުނަމުންނެވެ. އެކަމަކު ކޯޓުގައި މައްސަލަ އޮތުމުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ގާސިމަށް ފުރޭ ގޮތް ވަނީ ނުވެފަ އެވެ.