06 އޯގަސްޓް 2017 - 11:21

ރިސޯޓެއް ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ދީފައިވާ ހދ. ކުޑަމުރައިދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 37 މިލިއަން ޑޮލަރު (528 މިލިއަން ރުފިޔާ) ހޯދަން ދައުލަތުން ދައުވާކުރި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ޖޭ އެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ކުޑަމުރައިދޫގެ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކުރީ ކުޑަމުރައިދޫގެ ކުއްޔާއި ލީސް ރެންޓާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އާއި އިންޓްރެސްޓްގެ ގޮތުގައި 37.8 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދުމަށެވެ.
އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މީރާ އިން އެ ދައުވާ އަނބުރާ ގެންދިޔައީ ކުޑަމުރައިދޫގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ ހައި ކޯޓުގައި މިހާރު ހިނގަމުންދާތީ އެ މައްސަލަ ނިމެންދެން އެ ދައުވާ އަނބުރާ ގެންދަން ބޭނުންވާތީ ކަމަށް ބުނެ އެވެ.
މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ނިންމީ ހައި ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުން އަލުން އެ ދައުވާ ކުރުމުގެ ބާރު މީރާ އަށް ލިބިގެންވާ ކަމަށް ނިންމައި، މައްސަލަ އަނބުރާ ފޮނުުވާލީ ކަމަށެވެ.
ހައި ކޯޓުގައި މިހާރު ކުރިއަަށް ގެންދަނީ ކުޑަމުރައިދޫގެ އެއްބަސްވުން 2015 ގައި ސަރުކާރުން އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ އެވެ.
ކުޑަމުރައިދޫގެ އެއްބަސްވުން ސަރުކާރުން އޭރު ބާތިލްކުރީ އެއްބަސްވުމުގެ ދަށުން ހުށަހަޅަންޖެހެ ފައިނޭޝިއަލް ޑޮކިއުމެންޓްސް ހުށަނާޅާ ކަމަށް ބުނެ އެވެ. އެކަމަކު ސިވިލް ކޯޓުން އޭރު ނިންމީ އެ އެއްބަސްވުން ސަރުކާރުން އުވާލަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށާއި އެ އެއްބަސްވުން އަދިވެސް ދެމި އޮންނާނެ ކަމަށެވެ،
ކުޑަމުރައިދޫގެ އިތުރުން ރިސޯޓް ހަދަން ދޫކޮށްފައިވާ އިތުރު ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެކި ކުންފުނިތަކާ ދެކޮޅަށް މީރާއިން ވަނީ ދައުވާކޮށްފަ އެވެ.