ގެޓްލިންގެ ރަން މެޑަލުން ބޯލްޓަށް ހިތި ނިމުމެއް!
ގެޓްލިންގެ ރަން މެޑަލުން ބޯލްޓަށް ހިތި ނިމުމެއް!

ލަންޑަން (އޮގަސްޓް 6) – ބައިނަލްއަގްވާމީ 20 ވަނަ ރަން މެޑަލާ އެކު ކެރިއަރު ނިންމާލުމަށް ވޯލްޑް ޗެމްޕިއަންޝިޕަށް އައި ޖެމެއިކާގެ އުސެއިން ބޯލްޓް ފަހަތަށް ޖައްސާލައި، އެމެރިކާގެ ޖަސްޓިން ގެޓްލިން ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި އެންމެ ހައިރާންކޮށްލައިފި އެވެ.

ގެޓްލިންގެ ރަން މެޑަލުން ބޯލްޓަށް ހިތި ނިމުމެއް!
ގެޓްލިންގެ ރަން މެޑަލުން ބޯލްޓަށް ހިތި ނިމުމެއް!

އެންމެ ފަހުގެ ތިން އޮލިމްޕިކްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ބޯލްޓުގެ ފަހު އިންޑިވިޖުއަލް ރޭހުގައި، ލޯ މެޑަލަކުން ފުއްދާލަން ޖެހުނުއިރު އޭނާގެ ފަހަތަށް ޖައްސާލައި ރިހި މެޑަލް ހޯދީ އެމެރިކާގެ 21 އަހަރުގެ ކްރިސްޓިއަން ކޯމަން އެވެ.

ގެޓްލިންގެ ރަން މެޑަލުން ބޯލްޓަށް ހިތި ނިމުމެއް!
ގެޓްލިންގެ ރަން މެޑަލުން ބޯލްޓަށް ހިތި ނިމުމެއް!

މަނާބޭހަށް ޕޮޒިޓިވްވެ ދެ ފަހަރެއްގެ މަތިން ސަސްޕެންޑްކޮށްފައިވާ އުމުރުން 35 އަހަރުގެ ގެޓްލިން 9.92 ސިކުންތުން ދުވެ އެއް ވަނަ ހޯދިއިރު ކޯމަން ރިހި މެޑަލް ހޯދީ 9.94 ސިކުންތުން ދުވެގެންނެވެ. ބޯލްޓް ތިން ވަނަ އަށް ދިޔައީ 0.05 ސިކުންތުގެ ތަފާތަކުން، 9.95 ސިކުންތުން ރޭސް ނިންމުމުންނެވެ.

ފިޓްނަސް ދަށްވުމާއި ފޯމުން ކެޓުމުގެ މައްސަލަތަކެއް ދިމާވި ނަމަވެސް ބޯލްޓް ފަހު ރޭސް ކާމިޔާބުކުރާނެ ކަމަށް އޮތީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. އެކަމަކު ބޯލްޓުގެ ފެށުން ވެސް ދިޔައީ ވަރަށް ދަށްކޮށެވެ. އޭނާގެ މައްޗަށް ކޯމަން ލީޑު ނެގިއިރު، ގިނަ ބަޔަކަށް ފާހަގަނުވެ، ހަތް ވަނަ ލޭނުގައި އޮތް ގެޓްލިން ވަނީ ފަހަތުން ދެމި ގަނެ ރަން މެޑަލް ހޯދައިފަ އެވެ.

ހަގީގަތުގައި 2015 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަކީ ގެޓްލިން ރަން މެޑަލް ހޯދާނެ ކަމަށް ބެލެވުނު ފަހަރެކެވެ. ބަލިނުވެ 28 ރޭސް ފުރިހަމަކުރުމަށް ފަހު އެ ފަހަރު ބެއިޖިން އަށް ދިޔަ ނަމަވެސް ބޯލްޓުގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ. އެކަމަކު ގެޓްލިން މި ފަހަރު ހިފި ބަދަލާ އެކު ބޯލްޓަށް ލިބުނީ ހިތްދަތި ނިމުމެކެވެ.

އޮލިމްޕިކްސްގެ ރަން މެޑަލް 2004 ވަނަ އަހަރު ހޯދައި އަދި 2005 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ނަމަވެސް ގެޓްލިން އަކީ މަގުބޫލު ދުވުންތެރިއެއް ނޫނެވެ. މަނާބޭހަށް ޕޮޒިޓިވްވުމުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން އަމާޒުވާއިރު ރޭސް ޖެހުމަށް ޓްރެކަށް އަރާ ކޮންމެ ފަހަރަކު އޭނާއާ ކުޅިބެލުންތެރިންގެ ހަޅޭކާ ކުރިމަތިވެ އެވެ.

ދެ ވަނަ ފަހަރަށް، 2006 ގައި މަނާބޭހަށް ޕޮޒިޓިވްވެ އޭނާ އަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް ނައީ ކިރިޔާ އެވެ. އެ ފަހަރު ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމުން އަށް އަހަރުގެ ސަސްޕެންޝަނެއް ދިން އިރު ފަހުން އަދަބު ވަނީ ހަތަރު އަހަރަށް ލުއިކޮށްދީފަ އެވެ. އެއަށް ފަހު އެނބުރި އައިސް އަނެއްކާ ވެސް ރަނގަޅު ޕާފޯމަންސްތަކެއް އަންނަނީ ދެމުންނެވެ.

ލަންޑަނުގެ ސްޓޭޑިއަމުގައި އޭނާ ތާރީހީ ރޭސް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ތުންފަތްމަތީ އިނގިލި އެޅީ އޭނާ އަށް ފާޑުކިޔާ ފަރާތްތަކުގެ އަނގަ ބަންދުކުރަން ގޮވާލަމުންނެވެ. ހަގީގަތުގައި ވެސް އޭނާ ރޭސް ކާމިޔާބުކުރުމާ އެކު، ސްޓޭޑިއަމަށް އެއްވެތިބި ހަތްދިހަހާހެއްހާ ކުޅިބެލުންތެރިން ހިމޭންވި އެވެ.

"ބޯލްޓް (ރޭހަށް ފަހު) ކުރި ފުރަތަމަ ކަމަކީ އަހަންނަށް މަރުހަބާ ކިއުން އަދި އައިސް ބުނި މީހުން އެލަވަ ހަޅޭއް އެއީ އަހަންނަށް ރައްދުވުން ހައްގު ކަމެއް ނޫނޭ. އޭނާ އަކީ ވަރަށް ބޮޑު ހިތްވަރެއް،" ގެޓްލިން ބުންޏެވެ.

"މިއީ ބޯލްޓުގެ ފަހު ރޭސް. މިއީ ވަރަށް ހާއްސަ މުނާސަބަތެއް. އަހަރެމެން ދެ ދުވުންތެރިންނަކީ ޓްރެކް މަތީގައި ވާދަވެރިން. އެކަމަކު ވޯމް ޑައުން އޭރިއާގައި އަހަރެމެން ސަމާސާކުރަން އަދި ރަނގަޅު ވަގުތުތަކެއް ހޭދަކުރިން."

ބޯލްޓް ބުނީ ގެޓްލިން އަކީ ވަރަށް ވަރުގަދަ ވާދަވެރިއެއް ކަމަށާއި އޭނާއާ ވާދަކުރާއިރު ހުންނަން ޖެހޭނީ އެންމެ ރަނގަޅު ފޯމުގައި ކަމަށެވެ.

އުމުރުން 30 ގައި ބޯލްޓް ކެރިއަރު ނިންމާލީ، އޮލިމްޕިކްސްގެ އިންޑިވިޖުއަލް ހަ ރަން މެޑަލާއި ވޯލްޑް ޗެމްޕިއަންޝިޕުން ހަތް ރަން މެޑަލާ އެކު އެވެ.