މެމްބަރު ސައުދުގެ މަންމަ އަވަހާރަވެއްޖެ
މެމްބަރު ސައުދުގެ މަންމަ އަވަހާރަވެއްޖެ

މިހާރު ދޫނިދޫގައި ބަންދުކޮށްފައިވާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މަންމަ މިއަދު ހެނދުނު އައިޖީއެމްއެޗުގައި އަވަހާރަވެއްޖެ އެވެ.

މެމްބަރު ސައުދުގެ މަންމަ އަވަހާރަވެއްޖެ
މެމްބަރު ސައުދުގެ މަންމަ އަވަހާރަވެއްޖެ

ނާސިރާ އަހުމަދު، 57، އަވަހާރަވީ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނިކޮށެވެ.

އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ސައުދުގެ މަންމަ އަވަހާރަވީ، ލިވަ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އިންޑިއާ އަށް ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށެވެ.

"ހުރިހާ ކަމެއް ނިމިފައި އޮއްވައި ސައުދު ބަންދުކުރީ. އެހެންވެ ލިވާ ޓްރާންސްޕްލާންޓް ހެދުމަށް ނުފުރި ހުއްޓާ އެ ނިޔާވީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ސައުދުގެ މަންމަ މިދިޔަ އޭޕްރީލް މަހު ވެސް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ބާއްވައިގެން ފަރުވާދީފައިވެ އެވެ.

ސައުދުގެ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، މިދިޔަ މަހުގެ 25 ގައި މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލާގައި އޭނާ މިދިޔަ މަހުގެ 28 ގައި ހައްޔަރުކޮށް ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

އާއިލާ އިން ބުނީ މަންމަގެ ޖަނާޒާ އަށް ސައުދު ގެނެސް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި ފުލުހުން ބުނީ މަންމަގެ ޖަނާޒާ އަށް ސައުދު މާލެ ގެނެސްދޭނެ ކަމަށެވެ.