06 އޯގަސްޓް 2017 - 10:12

ލަންޑަން (އޮގަސްޓް 6) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވާ ޗެރިޓީ ޝީިލްޑް މެޗަށް މިރޭ ނުކުންނައިރު ޗެލްސީ އޮތީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕު ފައިނަލުން އާސެނަލް އަތުން ބަލިވުމުގެ ބަދަލުހިފުމަކަށް ތައްޔާރުވެގެން ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ ފާއިތުވި ސީޒަނުގެ ޕްރިމިއާ ލީގު ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަނެވެ. ޗެލްސީ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އެފްއޭ ކަޕް ފައިނަލުގައި އާސެނަލް އަތުން ބަލިވީ 2-1 އިންނެވެ.
"މުޅި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައި އެންމެ ފަހު ވަގުތު އެފްއޭ ކަޕް ފައިނަލުގައި އާސެނަލް އަތުން ބަލިވުމަކީ ހަގީގަތުގައި އަހަރެންނަށް ލިބުނު ހިތާމައެއް. މި މެޗަކީ މުޅިން އާ މެޗެއް ނަމަވެސް އެ ހަނދާންތައް އެބަހުރި. ބަދަލު ހިފުމުގެ ރޫހުގައި ޗެލްސީގެ ގިނަ ކުޅުންތެރިން ތިބީ،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ އާސެނަލުން ވެސް މި ސީޒަނަށް ވަނީ ޓީމު ވަރުގަދަ ކޮށްފައި ކަމަށާއި ފަސޭހަކޮށްލައިގެން ކުޅެފިނަމަ ދެރައެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ފަސޭހަ ނުކުރާނަން. އަހަރެމެންނަށް އެނގޭ އާސެނަލަކީ ވަރުގަދަ ޓީމެއްކަން. އެކަން ދަނެގެން ނުކުންނާނީ. ބޭނުންވާ ނަތީޖާ ނެރެވޭނެ،" ކުރިން ޔުވެންޓަސް އަށް ކޯޗުކޮށްދިން ކޮންޓޭ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީގެ އެޑެން ހަޒާޑާއި މި ފަހަރު އަލަށް އެ ޓީމާ ގުޅުނު ޓިއެމް ބަކަޔޯކޯ ތިބީ އަނިޔާގަ އެވެ. އަދި ޓީމުން ބާކީކޮށްފައި ހުރުމުން މި މެޗުގައި ޑިއޭގޯ ކޮސްޓާ ވެސް ނުފެންނާނެ އެވެ.
ކޮންޓޭ ބުނީ މި އަހަރު ވެގެންދާނީ އޭނާ ކޯޗިން ކެރިއަރުގައި ވެސް ކުރިމަތިލާނެ އެންމެ އުނދަގޫ ސީޒަނަށް ކަމަށެވެ.
"ޕްރިމިއާ ލީގުގައި ޗެމްޕިއަންކަން ހޯދުމަށް ފަހު ޖެހިގެން އަންނަ ސީޒަނަކީ އެންމެ އުނދަގޫ ސީޒަން. އެކަން އެބަ އެނގޭ މިދިޔަ ދެ އަހަރަށް ބަލާލިޔަސް. ޗެމްޕިއަނަކަށް ވުމަކީ އިންގްލެންޑު ލީގުގައި ވަރަށް ގިނަ ގޮތްގޮތުން ޕްރެޝަރު އަންނަ ކަމެއް. އެ ހުރިހާ ކަމަކަށް ވިސްނާއިރު މިއީ އަހަންނަށް އެންމެ އުނދަގޫ ސީޒަން،" ކޮންޓޭ ބުންޏެވެ.
އާސެނަލާއި ޗެލްސީ ކުޅޭ ޝީލްޑް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.