06 އޯގަސްޓް 2017 - 09:58

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ސައުތު އެފްރިކާ އަށް ފަށަން މަޝްވަރާ ކުރަން ފަށައިފި އެވެ.
މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ މަޝްވަރާ ކުރަމުން އަންނަނީ އެ ގައުމުގެ ޓުއާ އޮޕަރޭޓަރުންނާއި ކަމާ ގުޅޭ އެހެން ފަރާތްތަކަށް ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި އަންނަނީ އެންމެ ފަރާތަކާ ނޫން،" ނަޝާތު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ އެހެން އޮފިޝަލަކު ވިދާޅުވީ މާކެޓް ދިރާސާ ކުރުމަށް އެ ކުންފުނީގެ ޓީމެއް ސައުތު އެފްރިކާ އަށް ދިޔަ ކަމަށެވެ. އަދި އެ ގައުމުގެ ޓީމެއް ރާއްޖޭގެ މާކެޓް ދިރާސާކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"މާކެޓް ދިރާސާ ކުރި އިރު ގޯހެއް ނޫން. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދަތުރުތައް ފެށިގެން ހިނގައިދާނެ. އެކަމު އަދި ވަކި ގޮތެއް ފައިނަލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ އިތުރުން ބޭރުގެ 10 މަންޒިލަކަށް މިހާރު ދަތުރު ކުރެ އެވެ. މޯލްޑިވިއަން އިން މިހާރު އުދުހެމުން އަންނަނީ ރާއްޖޭން ބޭރުން އިންޑިއާ، ތައިލެންޑް، ބަންގްލަދޭޝް އަދި ޗައިނާގެ ސިޓީތަކަށެވެ.