06 އޯގަސްޓް 2017 - 00:49

އަނިޔާވެގެން 21 މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު، އިތުރު ފަރުވާ އަށް އޭގެ ތެރެއިން ނުވަ މީހަކު މާލެ ގެނެސްފައިވާ ކަމަށް އާސަންދަ އިން ބުނޭ.

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްގެ މީހުން.

އަމީންގެ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވި ސަބަބު އަދި ސާފުނުވާ ކަމަށް. އެކަން އެނގޭނީ ތަހުގީގަށް ފަހު ކަމަށް އޭނާ ވިދާޅުވި.
އަމީން ކޮންސްޓްރަކްޝަންގެ އޮފިޝަލަކު ވިދާޅުވީ ގުދަނުގެ ސްޓާފް ކުއާޓާޒްގައި އުޅޭނީ ހުޅުމާލޭގައި މިހާރު އެ ކުންފުނިން އިމާރާތްކުރާ 300 ފްލެޓްުގެ ކަންކަމާ ހަވާލުވެ ތިބި ބިދޭސީ ސީނިއާ މުވައްޒަފުންތަކެއް ކަމަށް. އިމާރާތުގެ ތިރީބައި ގުދަނެއްގެ ގޮތުގައި ބޭނުންކުރާއިރު، އެތަނުގައި ގިނަވާނީ ފްލެޓުގެ މަސައްކަތަށް ގެންގޮސްފައި ހުރި އެލުމެނިއަމް ސާމާނު ކަމަށް އޮފިޝަލް ވިދާޅުވި. ގުދަނުގައި ހުރި ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ނުވޭ.
އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ވެއްޖެ.
އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހުންނާއި ހާލު ސީރިއަސް ވި އެންމެން ވަނީ މާލެ ގެނެސް ފަރުވާ ދޭން ފަށާފައި.
އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމާ އެކު، ސިފައިން މިހާރު އަންނަނީ، ރާނައިގެން އިމާރާތްކޮށްފައިވާ އިމާރާތުގެ އެންމެ މަތީ ބައިގައި ބަޔަކު ތިބިތޯ ބަލައި ޗެކް ކުރަމުން.
އިތުރު ފަރުވާ އަށް މިހާތަނަށް މާލެ ގެނައި މީހުންގެ ތެރޭގައި ފިހުނު ބައެއް މީހުންނާއި ހަށިގަނޑުގެ އެކި ތަންތަން ބިނދުނު މީހުން ވެސް ހިމެނޭ.
ގުދަނުގައި ރޯވުމުން ސަލާމަތް ވާން ވެގެން ފުންމާލި ބައެއް މީހުންގެ އަތާއި ފައި ވަނީ ބިނދިފައި. އޭގެ ތެރެއިން އެކަކު ބުނީ ތިންވަނަ ބުރިން ފުންމާލީ "އިތުރު ގޮތެއް ނެތިގެން" ކަމަށް.
އެ ސަރައްދުގައި ހުރި ނޫސްވެރިޔާ ބުނީ ރޯވި ފްލޯ އަށް ކެރޭނެއްގެ މަތީގައި ތިބެ ސިފައިން މިހާރު ފެން ޖަހަމުން އަންނަ ކަމަށް. އަލިފާނުގެ އަސަރު މިހާރު ނެތް ނަމަވެސް އަދިވެސް ވަރަށް ގަދައަށް ދުން އަރާ ކަމަށް އޭނާ ބުނި.
އެމްއެންޑީއެފުން ބުނީ މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް. އަލިފާން ކޮންޓްރޯލް ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޔަރުގެ އެހީތެރިކަން ވެސް ލިބުނު ކަމަށް އެމްއެންޑީއެފުން ބުނޭ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ އިން ބުނީ އަނިޔާވި މީހުންގެ އަދަދު 21 އަށް އަރާފައިވާ ކަމަށް. އަދި އޭގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާ އަށް މާލެ ފޮނުވާލާފައިވާ ކަމަށް އާސަންދަ އިން ބުނޭ.
އަލިފާން ރޯވީ ދަމާސްގެ ގުދަނެއްގައި ކަމަށް އެމްއެންޑީއެފުން ކުރިން ބުނި ނަމަވެސް، ފަހުން ބުނެފައި ވަނީ އެއީ އަމީން ކޮންސްޓްރަކްޝަންގެ ތަނެއް ކަމަށް.
އަލިފާން ރޯވުމާ ގުޅިގެން ބައެއް މީހުން ވަނީ ތިން ބުރީގެ އިމާރާތުގެ މަތިން ފުންމާލާފައި. އެވަގުތު އޭގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވި ކަމަށް ވޭ.
އަލިފާން ރޯވި ބަޔަކީ ލޭބަކުއާޓާޒްއެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް. އެ ބަޔަށް މިހާރު ސިފައިން ވަދެފައިވާއިރު، އިތުރު ބަޔަކު އެތެރޭގައި ނެތްކަން ކަށަވަރެއް ނޫން. ސްޓްރެޗާ ބަހައްޓައިގެން ސިފައިންނާއި ހޮސްޕިޓަލްގެ އޮފިޝަލުން ތައްޔާރީ ހާލަތުގައި އެބަތިބި.
ފިހިގެންނާއި ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލްގައި ފަރުވާދެނީ މުޅިން ވެސް ބިދޭސީންނަށް.
މި ހާދިސާގައި ތިން މީހަކު ފިހިގެން ހުޅުމާލޭގެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން. އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އެތަނުގައި ހުރި ނޫސްވެރިއަކު ބުނި. އަދި ދުމުގެ އަސަރުކޮށްގެން ފަސް މީހަކަށް އަންނަނީ ފަރުވާދެމުން. ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ.
ތިން ބުރިއަށް ހަދާފައިވާ ދަމާސްގެ ގުދަނުގައި ރޯވީ އެންމެ މަތީބައިގައި. ތިރީ ބައިތަކަށް އަދި އަލިފާންގަނޑު ފެތުރިފައެއް ނުވޭ. އެކަމަކު ސިފައިން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުގެ ތިރީ ބައިތަކަށް ފެންޖަހަމުން. ރޯވެފައިވާ ބައިގައި ހުރީ ކޮން ބާވަތެއްގެ މުދަލެއް ކަމެއް އަދި ޔަގީނެއް ނުވޭ. އެކަމަކު ބެލެވޭ ގޮތުގައި އެތަނުގައި ހުރީ ފަރުނީޗަރު.
ރޯވި ދަމާސް ގުދަން ހުރި ސަރަހައްދުގައި މާލޭގެ ބޮޑެތި ބައެއް ފިހާރަތަކުގެ ގުދަންތައް ވެސް ހުރިކަން ފާހަގަކުރެވޭ.
އާސަންދަ އިން ބުނީ އިތުރު ބަޔަކު ވެސް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް. ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދިއެއް ނޭނގޭ.
ހުޅުމާލޭގެ ދަމާސްގެ ގުދަނެއްގައި ރޯވެ ފަސް މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހުރި ދަމާސްގެ ގުދަނެއްގައި ރޯވުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނީ ގުދަނުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށާއި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ފަސް މީހަކަށް އެތަނުގެ އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ.