06 އޯގަސްޓް 2017 - 06:25

"ޕީކޫ" އާއި "ވިކީ ޑޯނާ" ގެ ޑައިރެކްޓަރު ޝޫޖިތު ސިރްކާގެ އާ ފިލްމް "އޮކްޓޯބަރު" އަށް ސޮއިކުރުމަށް ފަހު، އެކްޓަރު ވަރުން ދަވަން މިހާރު ހުރީ މެދު އުޑުގަ އެވެ. ޝުޖިތު ކަހަލަ ހުނަރުވެރި އަދި މޮޅު ޑައިރެކްޓަރަކާ އެއްކޮށް މަސައްކަތްކޮށްލަން ލިބުމުން، މިކަން ވެގެން ދާނީ ވަރުންގެ ފިލްމީ ކެރިއަރަށް ހަމަ ޔަގީނުން ވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަކަށެވެ.

ލޯބީގެ ވާހަކައަކަށް ބިނާކޮށް ވަރުން ލީޑަށް ލައިގެން ހަދާ ފިލްމުގެ ސްކްރިޕްޓިން ސެޝަނެއްގައި ވަރުން އާއި ސުޖިތު އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް، މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ވަނީ ޓްވީޓް ވެސް ކޮށްފަ އެވެ.
"އޮކްޓޯބަރު" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނެތަސް، ފިލްމް ރިލީޒް ކުރާ ތާރީހި މިހާރު މިއޮތީ އިއުލާންކޮށްފަ އެވެ. ވަރުން ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމް ސިނަމާތަކަށް އަންނާނީ ޖޫން 1، 2018 ގައި ކަމަށެވެ.
އެ ފިލްމުގެ ޝޫޓިން ވަރުން ފަށާނީ އޭނާ މިހާރު ކުޅެމުން އަންނަ "ޖުޅްވާ 2" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ގަ އެވެ.
އަމީތާބް ބައްޗަން އާއި ދީޕިކާ ޕަދްކޯން އަދި އިރްފާން ހާން ލީޑް ރޯލް ކުޅެ 2013 ގައި ރިލީޒް ކުރި "ޕީކޫ" އަށް ފަހު، ޝުޖިތު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ "އޮކްޓޯބަރު" އަކީ ލޯބީގެ ވާހަކައަކަށް ވިޔަސް، މިއީ ހިންދީ ސިނަމާތަކުން އާންމުކޮށް ނުފެންނަ ޒާތުގެ ލޯބީގެ ފިލްމަކަށް ވާނެ ކަމަށެވެ.
އޭނާއަކީ އަބަދު ވެސް ވަރަށް ރިއަލިސްޓްކޮށް ފިލްމް ގެނެސްދޭ ޑައިރެކްޓަރަކަށްވާތީ "އޮކްޓޯބަރު" އާ ދޭތެރޭ ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ހަމަ ޔަގީނުން ވެސް ފިލްމު ފުރިހަމަވެފައި މޮޅު ވާނެ އެވެ. މި ފިލްމުގެ ސްކްރީންޕޭ ލިޔެފައި ވަނީ ގިނަ އެވޯޑްތަކެއް ހޯދި "ޕީކޫ" ގެ ސްކްރީން ރައްޓަރު ޗޫހީ ޗަދްރަވެދީ އެވެ.