ޕްރަބާސްގެ "ސާހޯ" ގެ ބަތަލާގެ ރޯލް ޝްރަދާ ކަޕޫރަށް
ޕްރަބާސްގެ "ސާހޯ" ގެ ބަތަލާގެ ރޯލް ޝްރަދާ ކަޕޫރަށް

"ބާހްބަލީ" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ ކުރިއަށް އޮތް ފިލްމް "ސާހޯ" ގެ ބަތަލާއާ ބެހޭ ގޮތުން މީޑިއާތަކުގައި ތަފާތު ވާހަކަތައް ދެކެވޭ ދުވަސްކޮޅެއްވެއްޖެ އެވެ.

އެ ފިލްމުގެ ޓީޒާ ދައްކާލައި، ފިލްމަށް ބަތަލާއަކު ހޯދަމުން އަންނަ ކަމަށް އިއުލާން ކުރުމާ އެކު ބޮލީވުޑްގެ ބައެއް ބަތަލާއިންނަށް "ސާހޯ" ހުށަހަޅާފައި ކަމަށް އަޑުތައް ފެތުރިގެން ދިޔަ އެވެ. އޭގެ ތެރޭގައި ކެޓްރީނާ ކެއިފާއި އާލިއާ ބަޓް އަދި ސޮނާކްޝީ ސިންހާ ވެސް ހިމެނެ އެވެ.

އެކަމަކު ފަހުން އަޑު އިވުނީ އެ ރޯލް "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ އަށް ހުށަހެޅި ވާހަކަ އެވެ. އޭގެ ފަހުން ދެން އަޑު އިވުނީ "ސާހޯ" ގެ ބަތަލާގެ ރޯލަށް ފިޓްވާ ވަރަށް ވުރެ އަނުޝްކާ ތަންކޮޅެއް ފަލަކަމުން ފިލްމަށް ގެންނަން ބޭނުންވި ވާހަކަ އެވެ.

މިހާރު އަޑުތައް ފެތުރޭ ގޮތުން އެ ފިލްމުގެ ބަތަލާގެ ރޯލް ވަނީ ޝްރަދާ ކަޕޫރަށް ހުށަހަޅައިފަ އެވެ. އެކަމަކު ފިލްމާ ގުޅުން ހުރި އެއްވެސް ފަރާތަކުން އެކަން ރަސްމީކޮށް އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން "ސާހޯ" ގެ ބަތަލާގެ ރޯލް ޝްރަދާ އަށް ހުށަހެޅުމުން ފިލްމްގެ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަޖެހުނު ވަރުން އޭނާ ވަނީ ވަގުތުން ފިލްމަށް އެއްބަސްވެފަ އެވެ. "އާޝިގީ 2" ފަދަ ކާމިޔާބު ފިލްމްތައް ކުޅެފައިވާ ޝްރަދާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ހަސީނާ ޕަރްކާރް" އިންނެވެ.

މުސްތަގުބަލްގައި ހިނގާފާނެ ކަންތައްތަކެއް ދައްކުދޭ އެކްޝަން/އެޑްވެންޗާ "ސާހޯ" އަކީ ތެލުގޫ ބަހުން ސުޖީތު ޑައިރެކްޓް ކުރާ ފިލްމެކެވެ.

ހިންދީ ބަހުން ޑަބް ވެސްކޮށްގެން ސިނަމާ އަށް ގެންނަން ނިންމާފައިވާ މި ފިލްމްގެ ވިލަންއަކީ ބޮލީވުޑްގެ އެކްޓަރު ނީލް ނިތެން މުކޭޝް އެވެ.

"ސާހޯ" އަންނަ އަހަރު ސިނަމާ އަށް ގެންނަން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.