ވެނެޒުއެލާގެ ޕްރޮސެކިއުޓާ އޮފީސް ސިފައިން ހިސޯރުކޮށްފި
ވެނެޒުއެލާގެ ޕްރޮސެކިއުޓާ އޮފީސް ސިފައިން ހިސޯރުކޮށްފި

ކަރާކަސް (އޮގަސްޓް 5) - ވެނެޒުއެލާގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީސް ސިފައިން ހިސޯރުކޮށްފި އެވެ.

ޕްރޮސެކިއުޓާ އޮފީސް ސިފައިން ހިސޯރުކޮށްފައި މި ވަނީ ގާނޫނު ހަދާ މަޖިލީސް ހުވާ ކުރުން ހުއްޓުވަން ކޯޓު އަމުރެއް ހޯދުމަށް ޗީފް ޕްރޮސެކިއުޓާ ލުއިސާ އޮރްޓެގާ މަސައްކަތް ކުރައްވާފައި ވަނިކޮށެވެ. އޮރްޓެގާ ވިދާޅުވީ ގާނޫނު ހަދާ މަޖްލީހުގެ އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފެދިފައި ވަނިކޮށް މެންބަރުން ހުވާކޮށްގެން ނުވާނެ ކަމަށެވެ. އިލެކްޓްރޯނިކް ވޯޓިން ކުންފުނިން ދިން ނަތީޖާއާ ސަރުކާރުން ހާމަކުރި ނަތީޖާ ދިމަލެއް ނުވެ އެވެ.

ޕްރޮސެކިއުޓާ އޮފީސް ސިފައިން ވަށާލުން އޮރްޓެގާ ސިފަ ކުރައްވާފައި ގާނޫނާ ޚިލާފު އަމަލެއްގެ ގޮތުގަ އެވެ. އޮރްޓެގާ އަކީ ރައީސް ނިކޮލަސް މަދޫރޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ރައީސް މަދޫރޯ ވިދާޅުވެފައި ވަނީ ގާނޫނު ހަދާ އާ މަޖިލީހުގެ ސަބަބުން ގައުމަށް ހަމަޖެހުން އަންނާނެ ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ މިއަދު އެވެ.

ވެނެޒުއެލާގައި މިދިޔަ މަހު 30 ވަނަ ދުވަހު އިންތިޚާބު ބޭއްވީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް އިންތިޚާބު ނުބޭއްވުމަށް ގޮވާލަމުން ދަނިކޮށެވެ. ރައީސް މަދޫރޯގެ ބޭނުމަކީ އިދިކޮޅު ފަރާތްތަކުގެ އަތުގައި އޮތް ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދުމަށް ފަހު ގާނޫނު އަސާސީ އަލުން ލިޔުމެވެ.

އަލަށް އިންތިޚާބު ކުރި 545 މެންބަރުންގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ މަދޫރޯގެ އަނބިކަނބަލުންނާއި ފިރިހެން ދަރިކަލުން ވެސް އިންތިޚާބުވެފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް ހޮވާފައި ވަނީ މަދޫރޯގެ ގާތް ފަރާތެއް ކަމަށްވާ އަދި ކުރީގެ ފޮރިން މިނިސްޓަރު ޑެލްސީ ރޮޑްރިގޭޒް އެވެ.

ޕާލަމެންޓް އިމާރާތާ ހަމައަށް ދާން މަސައްކަތް ކުރި މީހުން ގަޔަށް ފުލުހުން އިއްޔެ ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ. މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ.