06 އޯގަސްޓް 2017 - 06:21

ބުދަ ދުވަހާ ގުޅޭ
"ހައުލާ!" ނާޒިމާ ގޮވައިލިއެވެ. "ދަރިފުޅާ ހައުލާ!"
ކޮޓަރީގެ އެއްވެސް ތާކު ހައުލާއެއް ނެތެވެ. ނާޒިމާ އެ ކަން ކަށަވަރު ކުރިއެވެ. ނާޒިމާ ގޮވާ އަޑަށް މޫނިސާ އައެވެ. ވީގޮތް ނާޒިމާ ކިޔައިދިނެވެ. ދެމައިންވެގެން އަނެއްކާ ވެސް ކޮޓަރި ބެލިއެވެ. އެނދު ތަންދޮށާއި، އަލަމާރިތެރެ ވެސް ބެލިއެވެ. އެ ދުވަސްވަރަކީ ރަށަކުން ވެސް މީހަކު ގެއްލިގެން އުޅުނު ދުވަސްވަރެކެވެ. ނާޒިމާ ބިރުގަތީ ހައުލާއަށް ވެސް އެހެން ވެދާނެތީއެވެ. ދަރިފުޅު ނުފެނިދާނެތީއެވެ.
"ބައްޕައަށް ގުޅަންވީނު." މޫނިސާ ފޯނު ނަގަމުން ބުންޏެވެ.
ނާޒިމާ އެ ކަން ހުއްޓުވިއެވެ. ހަމީދަށް އެ ކަހަލަ ކަމެއް އިވެއްޖެ ނަމަ އޭނައަށް ވާނެވަރު ނާޒިމާއަށް ވިސްނެއެވެ.
"އޭރުން ބައްޕަ މާ ހާސްވާނެ،" ނާޒިމާ އެއްބަހެއް ނުވިއެވެ. "އަދި އިހަށް މަޑުކުރޭ!"
"ޕޮލިހަށް ގުޅަންވީނު،" މޫނިސާ އެދުނެވެ. "އަވަހަށް ޕޮލިހަށް ގުޅީމައެއްނު..."
"އަދި ނުވޭ،" ނާޒިމާ ކޮޓަރިން ނުކުންނަމުން ބުންޏެވެ. "އެހެން ބައެއްގަ ވެސް އިނދެދާނެއްނު. އަހަންނެއް ނުދެކެން އޭނަ ނިކުތްތަނެއް. އެކަމަކު އަހަންނަށް ނޭނގި ވެސް ނުކުމެދާނެތާ."
ހައުލާގެ ފޯނަށް ގުޅަން ނާޒިމާ މަސައްކަތް ކުރިއެވެ.
"އެކަމަކު ހައު ނުކުތް ނަމަ އަހަންނަށް ފެނުނީހެއްނު މަންމާ." މޫނިސާ ބުންޏެވެ.
ހައުލާއަށް ގުޅައިފައި ނާޒިމާ ކަންފަތުގައި ފޯނު ޖައްސައިލިއެވެ. ފޯނު ރަނގަބީލުވީ ހައުލާގެ އެނދުގެ ބާލީސްދަށުންނެވެ. އެ ތަނުގައި ފޯނު އޮންނަންވީ ސަބަބެއް އެކަކަށް ވެސް ނުވިސްނުނެވެ. ބާލީސްދަށަށް ފޯނު ލުމަކީ ހައުލާ ކުރާކަމެއް ނޫނެވެ.
"މަންމައަށް އެނގޭ ވަރަށް ދަރިފުޅަށް ކަންކަން އެނގޭނަމަކާ ތިހެނެއް ނުބުނާނެ،" ނާޒިމާގެ އަޑުގައި ވަނީ ހާސްކަމެވެ. "މަންމަ މި ވަންނަނީ ޖެހިގެން ހުރި ބަޔަށް."
ޒިދުނާގެ ބައި ނޫން އެހެން ހުރިހައި ބަޔެއް ބެލިއިރު ވެސް ހައުލާއެއް ނުފެނުނެވެ. މޫނިސާ ހީކުރީ ޒިދުނާ އުޅޭ ބަޔަށް ނާޒިމާ ވަންނާނެކަމަށެވެ. ނާޒިމާ ހީކުރީ މޫނިސާ އެ ބަޔަށް ވަންކަމަށެވެ. އެކަމަކު، އެކަކު ވެސް އެ ތަނެއް ނުބަލައެވެ. ގޭގެ އެއްވެސް ތަނަކުން ހައުލާ ނުފެނުނުކަމަށް ބަލައިފައި، އެހެން މީސްމީހުންނަށް ގުޅަން ފެށިއެވެ. ހަމީދާއި، ރާޝިދުގެ އިތުރުން ފުލުހުންނަށް ވެސް ގުޅިއެވެ. ފުރަތަމަ އައީ ރާޝިދެވެ.
"މަގޭ ދަރިފުޅު ފެންނާނެތަ؟" ނާޒިމާ ރޮއިގެންފައި އެހިއެވެ.
ރާޝިދު ޖަވާބެއް ނުދިނެވެ. ދޮގެއްހަދަން ބޭނުން ނުވާތީއެވެ. ކުރިމަތިލާން ޖެހެނީ ނުފެންނަ ބާރަކާއެވެ. އެއީ ފަސޭހަކަމެއް ނޫނެވެ. އެ ކަމަށް ނަގާނީ ކިހާ ވަގުތެއްކަމެއް ރާޝިދަކަށް ވެސް ނޭނގެއެވެ. އެ ފަދަ ހާދިސާ މަދުން ނަމަވެސް ރާއްޖޭގައި ހިނގައެވެ. މީހާ ފެންނަނީ ބައެއް ފަހަރެވެ.
"އުންމީދުކަނޑާ ނުލާ!" ރާޝިދު ބުންޏެވެ. "ޕޮލިހަށް ގުޅައިފިން؟"
އެ ވަގުތު ފުލުހުންގެ ދެ މީހަކު އައިސް ދޮރުގައި ޓަކިދިނެވެ. އެ މީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ހަމީދު ވެސް ވަނެވެ. އެ ވަގުތު ގޭގައި ތިބި ބައެއް ކުދިން ވެސް ނާޒިމާގެ ބަޔަށް އައެވެ. ކަންތައްވީ ގޮތް ނާޒިމާ ކިޔައިދިނެވެ. ފުލުހުން އެދިގެން ހައުލާގެ ފަހުގެ ފޮޓޯގަނޑެއް ނާޒިމާ ދިނެވެ. ގެއްލުނުއިރު ހައުލާ ލައިގެން ހުރި ހެދުމުގެ ކުލައާއި އެ ފަދަ ހުރިހާ މަޢުލޫމާތެއް ފުލުހުން އެއްކުރިއެވެ. އޭރު ވެސް، ޒިދުނާ އުޅޭ ބައި ނުބަލާކަމެއް އެކަކަށް ވެސް ނޭނގެއެވެ. ފުލުހުން ދިޔައީ، ހައުލާގެ ޚަބަރެއް ނުވަނީސް ހޯދުމުގެ މަސައްކަތް ހުއްޓައި ނުލާނެކަމުގެ ޔަގީންކަން ނާޒިމާއަށާއި ހަމީދަށް ދީފައެވެ. ދެން ތިބި ކުދިން ވެސް، އެ ތަނުގައި ތިބުމުގެ ބަދަލުގައި ނުކުތީ މަގުމައްޗަށެވެ. ހައުލާ ފެނިދާނެކަމުގެ އުންމީދުގައެވެ.
"އެހެން ހަމަ ޓަސްލާފަ މީހުން ގެއްލޭތަ؟" ހަމީދު ސުވާލުކުރިއެވެ. "އެއީ ކުނޑިފުކެއް ނޫން ވިއްޔަ!"
ރާޝިދު ބަލައިލީ އެ ތަނުގައި ތިބި މީހުންނަށެވެ. ހަމީދުގެ އިތުރަށް މޫނިސާއާއި ނާޒިމާ ވެސް ތިއްބެވެ.
"ބައެއް ދަންނަބޭކަލުން ބުނާ ގޮތުގަ ޖިސްމާނީ އެއްޗެހި ނުފެންނަ ބާރަކަށް ބަދަލުކޮށް، އެ އަލުން ޖިސްމާނީ އެއްޗެއްސަށް ބަދަލުކުރުމުގެ ބާރު، އިފުރީތުންނަށް ދެއްވައިފައިވޭ. ބަލްގިޝްރަނިންގެ ތަޚުތު ޔަމަނުން ޖެރޫސަލަމަށް ގެންނަވަން ސުލެއިމާނުގެފާނު އެންގެވީމަ، ފަޅި ސިކުންތެއްގެ ތެރޭގަ އެ ކަން ކޮށްދެވިދާނެކަމަށް ފުރަތަމަ ބުނީ އިފުރީތެއް. އަހަރުމެންނަކަށް ނޭނގެ އެ ތަޚުތަކީ ކިހާ ބިޔަ އެއްޗެއްކަމެއް. ވެދާނެ ފަންސާހަކަށް މީހުންނަށް ކަމަށް އެ ތަޚުތު އުފުއްލާލެވެނީ. ޔަގީނުން ވެސް އެއީ ވަރަށް ފުރިހަމަ ތަޚުތެކޭ ހުދުހުދު ނުބުނާނެ އާދައިގެ ކުޑަ ތަޚުތަކަށް. ވިސްނާލަބަ! އެހާ ދުރުގަ ހުރި ތަޚުތެއް މަތިން ގެނައުމުގެ ބަދަލުގަ، އެ ކަން ކުރެވޭނީ އެ ތަޚުތު ނުފެންނަ ބާރަކަށް ނޫނީ ސިގުނަލަކަށް ބަދަލުކޮށްގެން. ރާއްޖޭގަ ހުރި މީހަކު އެމެރިކާއަށް ގުޅާލަން ކިތައް ސިކުންތު ނަގަނީ؟ ފަޅި ސިކުންތެއް. އަހަރުމެން ވައިބާއިން މި ފޮނުވާލާ ފޮޓޯ ޖައްވުތެރެއިން އުދުހިފަ ދާތަނެއް ނުފެންނާނެ. އެ ބަދަލުވާނީ ސިގުނަލަކަށް. އެހެންވެ އެހާ އަވަހަށް ދަނީ. ބައެއް ޖިންނީންނަށް އެ ބާރު ދެއްވާފަ މި އޮންނަނީ. ލޮލަށް ފެންނަ އަތްލެވޭ އެއްޗެހި، ލޮލަށް ނުފެންނަ ސިގުނަލަކަށް ބަދަލުކޮށްފަ އަލުން ރުޖޫޢަކުރުމުގެ ހުނަރު ޖިންނީންގެ ތެރެއިން ވަކި ބަޔެއްގެ ކިބައިގަ ހުރޭ. އެއީ އަހަރެން ވެސް ގަބޫލުކުރާ ގޮތް. މާނައަކީ ތަޚުތު ކުއްލިއަކަށް ގެއްލޭނީ. ދެން ފެންނާނީ އެ ހުންނަންވީ ތަނެއްގަ ހުއްޓާ. މިސާލަކަށް ފެނިދާނެ ގޭގެ ތަނެއްގަ ސިހުރު ހުއްޓާ. ތިމާއަށް ކަށަވަރު ވާނެ ތިމަންނަ ގެނައި އެއްޗެއް ނޫންކަން އެއީ. ނޫނީ އުދުހިފަ އެ އެއްޗެއް އައިތަނެއް ވެސް ތިމާއަކަށް ނުފެންނާނެ. ފެންނާނީ އެ އެއްޗެއް އެ ތަނުގަ ހުއްޓާ. ނުވަތަ ބާލީސްދަށުގަ އޮއްވާ. ނޫނީ އަލަމާރި ތެރޭގަ އޮއްވާ."
ރާޝިދު ދެއްކި ވާހަކައަށް އެންމެން ސަމާލުކަންދީގެން ތިބި ނަމަވެސް، އެ ވާހަކަތައް ގަބޫލުކުރާކަށް އެންމެނަކަށް ފަސޭހައެއް ނުވިއެވެ. ހައުލާ ހޯދުމަށްޓަކައި ރާޝިދު ދުޢާ ކުރިއެވެ. އެހެން މީހުން ވެސް އެ ކަން ކުރުމަށް ރާޝިދު އެދުނެވެ. ނޫހުގައި ހައުލާގެ ފޮޓޯޖެހިއެވެ. ގެއްލިގެން ހޯދާ ކުއްޖެއް ގޮތުގައެވެ. އެކަކު ވެސް އެ ކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ދުރުދުރުން އެ ވާހަކަތައް އިވިފައިވާ މީހުން މޮޅެތި ޝުޢޫރުތައް "ކޮމެންޓުގައި" ފާޅުކޮށްފައި ހުއްޓެވެ. ހައުލާ ގެއިން ފިލިކަމަށެވެ. ހައުލާއަކީ ސިކުނޑި ހަމަނުޖެހޭ ކުއްޖެއް ކަމަށެވެ. ކަމުގެ ސީރިއަސްކަން ހުރި ވަރު އެކަކަށް ވެސް ނުވިސްނޭ ކަހަލައެވެ.
ހައުލާ ގެންލުނުތާ ދެތިން ގަޑިއިރު ފަހެވެ. ޚަބަރެއްވުމުން އަންގާލުމަށް ބުނެފައި ރާޝިދު ވެސް ދިޔަތާ އިރުކޮޅެއް ފަހެވެ. ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ދޮރު ހުޅުވިއިރު ފުލުހުންގެ ހަތަރު މީހުން ތިއްބެވެ.
"މި ގޭގެ ހުރިހާ ބައެއް ބަލައިލަން ބޭނުން." އެކަކު ބުންޏެވެ.
"އަޅުގަނޑުމެން ބަލައިފީމޭ،" ނާޒިމާ ޖަވާބުދިނެވެ. "ދޯ ދަރިފުޅާ! އެއްވެސް ބަޔަކު ނެތް."
"އާދެ! ކުރިން ވެސް ވިދާޅުވީމެއްނޫންތޯ!" ފުލުހުން ބުންޏެވެ. "އެހެންވިޔަސް އަޅުގަނޑުމެން ބޭނުން ބަލައިލަން."
ނާޒިމާ ހުއްދަ ދިނެވެ. ފުލުހުން އެކި ބައިބަޔަށް ބެހިލިއެވެ. ނާޒިމާމެން ތިބީ ނާޒިމާގެ ބައިގައެވެ. ދެން ހަދަންވީ ގޮތެއް ވެސް ނުވިސްނިފައެވެ.
"ދަރިފުޅަށް ކަށަވަރުތަ އެ ޒިދުނާގެ ބަޔަކު ހައުލާއެއް ނެތްކަން؟" ނާޒިމާ ސުވާލުކުރިއެވެ.
"މަ ނުބަލަން އެ ބަޔެއް،" މޫނިސާ ހައިރާންވެފައި ބުންޏެވެ. "އަހަރެން ހީކުރީ މަންމަކަމަށް ބެލީ."
"މަ އަންނާނަން އެ ބައި ބަލާފަ." ނާޒިމާ ފުންމައިގެން ތެދުވެފައި ބުންޏެވެ.
ނާޒިމާއަށް ދޮރު ހުޅުވައިލެވުނީ ހައުލާގެ ކުރިމައްޗަށެވެ. ރޮއިގެންފައި ނާޒިމާ ބައްދައިގަތެވެ. ހައުލާ ހުރީ ބުދެއްހެންނެވެ.
"އެންމެ ތިރީބައިގަ އިނީ،" ފުލުހުން ބުންޏެވެ. "އެ ބައިން ބުނީ މީނަ ގެއްލިގެން އުޅޭކަން ނޭނގޭކަމަށް."
ޒިދުނާގެ ޙަޤީޤަތް އެކަކު ވެސް ފުލުހުންނަކަށް ކިޔައެއް ނުދެއެވެ. ޢާއިލާގެ ނަން ބަދުނާމުން ސަލާމަތް ކުރުމަށްޓަކައެވެ. ނާޒިމާ ބޭނުންވީ ހައުލާ އެނބުރި އަންނާށެވެ. އެ ކަން ވުމުން ޝުކުރުއަދާކޮށްފައި ފުލުހުން ފޮނުވައިލީއެވެ.
"ދަރިފުޅު ހޯދާހޯދާ،" ނާޒިމާ އޯގާތެރިކަމާ އެކުގައި ބުންޏެވެ. "ކިހިނެއް ޒިދުނާގެ ބަޔަށް ދިޔައީ؟"
ހައުލާ ޖަވާބެއް ނުދިނެވެ. އިސްޖަހައިލައިގެން އިނީއެވެ. ފަހަކަށް އައިސް ހައުލާ ގިނައިން އިންނަނީ އެހެންނެވެ.
"ދަރިފުޅު ކިހިނެއް ކޮޓަރިން ނުކުތީ؟" ނާޒިމާ ވަރަށް ގިނަ ސުވާލު ކުރިއެވެ. "ކީއްކުރަން އެ ބަޔަށް ދިޔައީ؟ އޭނަ ގުޅީތަ އަންނާށޭ ކިޔާފަ؟ ކީކޭ އޭނަ ކިއީ؟ އެއްޗެއް ކާންދިންތަ؟ އެއްވެސް ކަމެއް ކުރިތަ؟"
ހައުލާ އެއްވެސް ޖަވާބެއް ނުދިނެވެ. އިތުރު ސުވާލު ނުކުރުމަށް، ބޮލުގެ އިޝާރާތުން ހަމީދު އެންގިއެވެ. ނާޒިމާ ވިސްނައިލަން އިރުކޮޅަކު އިނެވެ. އެ އަށް ފަހު އެ ތަނުން ނުކުންނަން ހިނގައިގަތެވެ.
"ކޮންތާކަށް ތި ދަނީ؟" ހަމީދު އެހިއެވެ.
ނާޒިމާ ދިޔަ ގޮތަށް ދިޔައީ ޒިދުނާގެ ބަޔަށެވެ. ދޮރުގައި ޓަކިޖަހައިލުމާ އެކުގައި ޒިދުނާ ދޮރު ހުޅުވިއެވެ. ނާޒިމާއަށް ވުރެ ކުރިން ވާހަކަދެއްކީ ޒިދުނާއެވެ.
"ހައުލާ ގެއްލިގެން އުޅުނުއިރު އަހަރުމެންނަށް ވެސް އަންގައިލި ނަމަ،" ޒިދުނާ ކަންބޮޑުވެފައި ބުންޏެވެ. "ކިހާއިރެއް އޭނަ މި ބައިގަ އިންނަތާ. އެކަކު ނަޔަސް އޭނަ އަންނާނެ މި ބަޔަށް. ހާދަ ލޯބިންނޭ އެ ކުދިންނަށް މަ ކަންތައްތައް ކޮށްދެނީ. ކުދިން އެ ވަރު ދަނެޔޭ."
ސޯފާގައި ޒިދުނާގެ ފިރިމީހާ ފަލާހު ވެސް އިނެވެ. ޒިދުނާގެ ބައްޕައާއި، ތިމާގެ އެހެން މީހުން ވެސް ތިއްބެވެ. ނާޒިމާއަށް ކަށަވަރެވެ. ކޮންމެ ގޮތަކަށް ހައުލާ ގެނައި ނަމަވެސް، ކެހިވެރި ސަބަބެއް އޭގެ ފަހަތުގައި ނޯވެއެއް ނުދާނެއެވެ. އެކަމަކު، ޒިދުނާޔާ ޒުވާބު ނުކުރަން ނާޒިމާ އޮތީ ވަޢުދުވެފައެވެ.
"އަހަރެން އަޅެ ޒިދުނާއަށް ކޮންކަމެއް ކޮށްގެން އަހަރެންނާ ޖައްސައިލައިގެން ތި އުޅެނީ؟" އަސަރާ އެކުގައި ނާޒިމާ އެހިއެވެ. "ކުދިންނަށް ހަމަނޭވާ ނުލެވިގެންނޭ އެ އުޅެނީ. ހެޔޮނުވާނެއްނު ތިހެން ހަދަން. ﷲ އަށް ބިރުވެތިވެބަލަ ޒިދުނާ."
"މަގޭ ބޮލުގަ ތި ވަރުގެ ބޮޑު ބަދުނާމެއް އަޅުވާއިރު ދޮންތަ ކީއްވެގެންތަ ﷲ އަށް ބިރުވެތި ނުވަނީ؟" ޒިދުނާ އެހިއެވެ.
ނުނިމޭ