05 އޯގަސްޓް 2017 - 16:05

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހިންގާ ބޯޑުގެ އިންތިހާބު އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
އެ ކްލަބުން ބުނީ އަންނަ ބުރާސްފަތި ދުވަހު އޮންނަ ހިންގާ ކޮމިޓީ މެމްބަރުން ހޮވާ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ކްލަބުގެ މެމްބަރުންނަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހު ހަވީރު ހަތަރެއް ޖެހުމުގެ ކުރިން އެ ކްލަބުގެ މެއިލް އެޑްރެހަށް[email protected]އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ. އަދި ބުދަ ދުވަހު ހަވީރުގެ ކުރިން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި އެ ކްލަބްގެ އޮފީހަށް ސިޓީ ފޮނުވައިގެން ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މާޒިޔާގެ އިންތިހާބު އެންމެ ފަހުން ބާއްވާފައި އޮތީ 2012 ވަނަ އަހަރު އެވެ. އާ އިންތިހާބު ބާއްވަނީ އެންމެ ފަހުން އޮތް ހިންގާ ބޯޑުގެ ދައުރު ހަމަވުމުންނެވެ. އެ ކްލަބުގެ މިހާރުގެ ރައީސަކީ އަހުމަދު ސާޖިދެވެ.
ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކްލަބަކީ މާޒިޔާ އެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިއިރުން ފެށިގެން އެ ޓީމުން އަންނަނީ ކާމިޔާބީ ހޯދަމުންނެވެ. އަދި ފާއިތުވި ހަތަރު ވަރަކަށް އަަހަރަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ޓީމަކީ ވެސް މާޒިޔާ އެވެ.