ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ލަފާދީފި
ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ލަފާދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ލަފާދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް އައިސްފައިވާ ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެނު ނޫސް ބަޔާނެއްގައި ބުނީ ގާސިމްގެ ހާލު އިތުރަށް ގޯސްވަމުން ދާތީ އައިޖީއެމްއެޗުގެ ހިތުގެ ޑޮކްޓަރަކަށް ދެއްކުމުން އީޕީއޭ + އާރުއެފްޕީ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ. އެއީ ރާއްޖެއިން ކުރެވެން ނެތް އޮޕަރޭޝަނަކަށް ވުމުން، ފަރުވާ ހޯދެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބަޔާނުގައި ބުނެފައިވެ އެވެ.

ހިތުގެ މައްސަލައަކަށް ގާސިމް ވަނީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލް އަދި މެޑިކާއިން ވެސް ފަރުވާ ހޯއްދަވައިފަ އެވެ. އޭރު ވެސް ޑޮކްޓަރުން ވަނީ ރާއްޖެއިން ހެދެން ނެތް ސްކޭނުތަކަކާއި ޓެސްތުތަކެއް ހަދަން ލަފާދީފަ އެެވެ. ނަމަވެސް ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ބޭރަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެެވެ.

އެ ބަޔާނުގައި ބުނީ ގާސިމްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު މުރާޖާކޮށްދިނުމަށް އެދި، ކްރިމިނަލް ކޯޓުގައި އޮންނަ ކޮންމެ އަޑުއެހުމެއްގައި އެދެމުން އަންނަ ކަމަށެވެ. އަދި އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި، އައިޖީއެމްއެޗުގެ މެޑިކަލް ރިޕޯޓުތަކާއި ޑޮކްޓަރުގެ ލިޔުން ކޯޓަށް ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ވެސް ބުންޏެވެ.

"ގާސިމް އިބްރާހިިމްގެ ހިތުގެ ކޮންޑިޝަނަކީ އަވަސް ފަރުވާއެއް ނުދެވިއްޖެނަމަ، ކުއްލިއަކަށް ފުރާނައަށް ނުރައްކަލެއް ދިމާވެދާނެ ހާލަތެއް މެދުވެރިވާފަދަ ކަމަކަށްވާތީ، ކްރިމިނަލް ކޯޓުގެ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު މުރާޖާކޮށްދެއްވައި، ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗުން ދެއްވާފައިވާ ލިޔުމުގައި އޮތް ލަފައާ އެއްގޮތަށް އަމަލުކުރުމަށް މަގު ފަހިކޮށްދެއްވުން އެދި، ކްރިމިނަލް ކޯޓަށް އަވަސް ސިޓީއެއް އިއްޔެ ވާނީ ހުށަހަޅައިފަ އެވެ" ބަޔާނުގައިވެ އެވެ.

އެ ސިޓީއާ ގުޅިގެން ފަނޑިޔާރު އަދިވެސް ގޮތެއް ނިންމާފައިނުވާތީ ކަންބޮޑުވާ ކަމަށާއި ގާސިމްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ އާއްމު އާދައިގެ މައްސަލައެއް ކަމަށް، މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވީ ނަމަވެސް، ގާސިމާ މެދު ތަފާތުކޮށް ކަން ކުރައްވަމުންގެންދަވާ ވަކީލުންގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ސަރުކާރު ހޮސްޕިޓަލް ހިމެނޭގޮތަށް ސަރުކާރުގެ ހުރިހާ ހޮސްޕިޓަލުތަކުން ގާސިމްގެ ސިއްހީ ނާޒުކުކަމާއި ކުރަންޖެހޭ ކަަންކަން ސާފުކޮށް ބަޔާންކޮށްފައިވީއިރު، އެއިން އެއްވެސް ކަމަކަށް ރިއާޔަތްކުރުމަކާ ނުލައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެކަން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަކީލުން ވަނީ ގޮވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ. ގާސިމަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށަން ކޯޓުން ހަމަޖެއްސީ ކުރިން އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އެ މައްސަލަތައް ދައުލަތުން އަލުން ހުށަހެޅުމުންނެވެ. އެ މައްސަލަތައް އޭރު ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިިރު ނުވުމުންނެވެ.