05 އޯގަސްޓް 2017 - 10:25

ލަންޑަން (އޮގަސްޓް 5) - އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަގެއްލި އަންނަ ސީޒަނުގައި ޔުރޮޕާ ލީގުގައި ކުޅެން ޖެހިފައިވާއިރު، މި މުބާރާތަކީ އާސެނަލަށް އާ މުބާރާތަކަށް ވާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
މިއީ 1996 ވަނަ އަހަރު ވެންގާ އާސެނަލާ ހަވާލުވި ފަހުން އެ ޓީމަށް ޔޫރަޕްގެ އެންމެ މަތީ ފަންތީގެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުން ޖާގަ ކެޓި ފުރަތަމަ ފަހަރެވެ. އަންނަ ސީޒަނުގައި ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތް ކަަމަށްވާ ޔުރޮޕާ ލީގުގައި އާސެނަލް ކުޅޭއިރު، މިދިޔަ ސީޒަނުގައި އެ މުބާރާތް ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފަ އެވެ.
"ޔުރޮޕާ ލީގު ޗެމްޕިއަން އަށް ޗެމްޕިއަންސް ލީގުން ސީދާ ޖާގައެއް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން. އަހަރެން ބޭނުމެއް ނޫން ހަމައެކަނި ޔުރޮޕާ ލީގަށް ފޯކަސް ކޮށްގެން ބޮޑު ލީގުގެ މުހިއްމުކަން ނަގާލަން. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޔުނައިޓެޑް ފިޔަވައި މިދިޔަ އަހަރުތަކުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދީ ޗެމްޕިއަންސް ލީގުން ކެޓި ޓީމުތައް،" ވެންގާ ބުންޏެވެ.
އޭނާ ބުނީ މި މުބާރާތް މިހާރު އޮތް ގޮތުން މިއީ އާސެނަލަށް މުޅިން އާ މުބާރާތެއް ކަމަށެވެ.
"މިއީ އަހަރެންގެ ކޯޗުކަމުގައި އާސެނަލް މި މުބާރާތަށް ނުކުންނަ ފުރަތަމަ ފަހަރު. މިއީ އެކަމަކު އަހަރެމެންގެ އެންމެ މުހިއްމު މުބާރެތޭ ނުބުނާނަން. ގުރުއަތުނަގައި ނިމި ކުރިއަށްދާ ގޮތަކުން މި މުބާރާތުގައި ވެސް ވާނެ ގޮތެއް އެނގޭނީ. އެންމެ މުހިއްމީ ޕްރިމިއާ ލީގު،" ވެންގާ ބުންޏެވެ.
އާސެނަލުން މި ފަހަރުގެ ޕްރިމިއާ ލީގަށް ވާދަކުރާނަމަ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އަލެކްސިސް ސަންޗޭޒް މަޑުކުރުވުން މުހިއްމުކަމަށް ވެންގާ ވަނީ ބުނެފަ އެވެ.
"ސަންޗޭޒް ކަހަލަ ކުޅުންތެރިއެއް ދޫކޮށްލައިގެން އަހަރެމެންނަށް ލީގަށް ވާދަކުރުމުގެ ފުރުސަތު ކުޑަވާނެ. އޭނާ މަޑުކޮށްފިނަމަ 85 ޕޮއިންޓް ހަމަކޮށް ލީގު ހޯދޭނެ ފެންވަރު އާސެނަލްގެ އެބަހުރި،" ވެންގާ ބުންޏެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި އާސެނަލް މާދަމާރޭ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.