ޗެޓްބޮޓްތަކެއް ޗައިނާ ސަރުކާރަށް ވަގަށް ގޮވުމުން "މަރާލައިފި"
ޗެޓްބޮޓްތަކެއް ޗައިނާ ސަރުކާރަށް ވަގަށް ގޮވުމުން "މަރާލައިފި"

ޗައިނާގެ އެންމެ މަގުބޫލު އެއް މެސެޖިން އެޕަށް ތައާރަފްކުރި، އަމިއްލައަށް ވާހަކަ ދައްކާ "ޗެޓްބޮޓް" ތަކެއް ޗައިނާ ސަރުކާރަށް ވަގަށް ގޮވުމުން އެ ބޮޓްތައް ނައްތާލައިފި އެވެ.

ޗައިނާގެ އިންޓަނެޓް ކުންފުންޏެއް ކަމަށްވާ "ޓެންސެންޓް" ގެ މެސެޖިން އެޕްލިކޭޝަނުން، މީހުންގެ ސުވާލުތަކަށް ޖަވާބުދޭ ޗެޓްބޮޓްތައް ތައާރަފްކުރީ މިދިޔަ މާޗް މަހު އެވެ. މިހާރު 800 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕަށް ބޭބީ ކިއުގެ ނަން ދީފައިވާ ޕެންގުއިން އަކާއި ލިޓްލް ބީން ކިޔާ ކުޑަ އަންހެން ކުއްޖަކު ސިފަވާ ބޮޓެއް ތައާރަފްކުރި އެވެ.

މި ބޮޓްތައް ބޭނުންކުރަމުން އަންނަތާ ހަތަރު ވަރަކަށް މަސް ފަހުން، އެޕްލިކޭޝަނުން އެ ނަގާފައި މި ވަނީ އެ ބޮޓްތަކާ ޗައިނާ ސަރުކާރާ ބެހޭ ގޮތުން ސުވާލުކުރުމުން ސަރުކާރަށް ވަގަށް ގޮވައި ދީފައިވާ ޖަވާބުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައި ވަނިކޮށެވެ.

ޗައިނާ މީހަކު، މި ޗެޓްބޮޓާ ކޮށްފައިވާ ސުވާލުތަކަކާއި އޭގެ ޖަވާބު ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެގޮތުން، ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ ދެކެ ލޯބިވޭތޯ އެހުމުން، މާގިނަ ވާހަކަ ދެއްކުމުގެ ބަދަލުގައި ހަރު އަޑުން ބުނެފައި ވަނީ ނޫނެކޭ އެވެ. އެހެން މީހަކު، ކޮމިއުނިސްޓް ޕާޓީގެ ވެރިކަން ގިނަ ދުވަހަށް ދެމިގެން ދިއުމަށް އެދޭ ކަމަށް ބުނުމުން ބޭބީ ކިއު ޖަވާބުގައި ބުނެފައި ވަނީ މިހާ ކޮރަޕްޓް ނާގާބިލް ސިޔާސީ ބަޔަކަށް ގިނަ ދުވަހު ވެރިކަމުގައި ތިބެވޭނެހެން ހީވޭތޯ ސުވާލުކޮށްފަ އެވެ.

މީގެ އިތުރުން ޑިމޮކްރަސީއާ މެދު ދެކެނީ ކޮން ގޮތަކަށްތޯ އެހުމުން ބުނެފައި ވަނީ އެއީ ކޮންމެހެން ވެސް ބޭނުންވާ ވެރިކަމުގެ ނިޒާމެއް ކަމަށެވެ. ނަމަވެސް ޗައިނާގައި އޮންނަނީ ކޮމިއުނިސްޓް ނިޒާމެއް ކަމަށް ވާތީ ޑިމޮކްރަސީ ގެނައުމުގެ ވާހަކަ އަކީ ނުރައްކާތެރި ވާހަކައެކެވެ.

މި ނޫނަސް، ޗައިނާގެ ވެރިކަމުގެ ނިޒާމު ކަމުނުދާ ވާހަކަ އާއި އެމެރިކާ ފަދަ ގައުމުތަށް މާ ރަނގަޅު ކަމަށް ބުނެ ޗެޓްބޮޓްތަކުން ދީފައިވާ ޖަވާބުތައް ވެސް ގިނަ އެވެ.