06 އޯގަސްޓް 2017 - 06:26

ތަނަކަށް ދާން އޮންނަ ވަގުތު ކުޑަތަންވާއިރު ވެސް ތައްޔާރު ނުވެވުމުން ދެބަސްވުމަކީ ހަމަ ކޮންމެ ދެމަފިރިއަކު ވެސް ތަޖުރިބާކޮަށްފައި ވާނެ ކަމެކޭ ބުނަން ހިނގާށެވެ. އަދި ގަޑި ޖެހޭ ގިނަ ފަހަރު، އެކަމުގައި ކުށްވެރިވާ މީހަކީ އަނބިމީހާ ކަމަށް ވެސް އޮންނަނީ ބުނަން ޖެހިފަ އެވެ.
"ރެސްކިއު ރިމެޑީ" އިން ކުރި ދިރާސާއަކަށް ފަހު ބުނަނީ ގަޑި ޖެހުމުގެ މައްސަލާގައި ކޮންމެ ދެމަފިރިއަކު ވެސް ކޮންމެ އަހަރަކު 30 ފަހަރު އަރާރުންވާ ކަމަށެވެ. ކަންކަން އިންތިޒާމު ނުކުރެވުމާއި އެޕޮއިންޓްމެންޓްތަކާއި ކައިވެނި ޕާޓީއަކަށް ގަޑިއަށް ނުދެވުމުގައި ކުށްވެރިވަނީ އަންހެނުން ކަމަށް ގަބޫލުކުރަންޖެހޭ ފަހަރު ގިނަ ކަމަށް ވެސް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.
ރައްޓެހިންނާ އެކު ބާއްވާ ބައްދަލުވުންތަކަށް ގަޑި ޖެހިގެންދާ ކަމަށް ބުނި އަންހެނުންގެ ނިސްބަތަކީ ކޮންމެ ހަތަރު މީހަކުން އެކަކެވެ. އެކަމަކު ފިރިހެނުންގެ މި ނިސްބަތް ހުރީ 16 ޕަސެންޓުގަ އެވެ.
ވަޒީފާއަށް ދާއިރު ގަޑިޖެހޭ ކަމަށް ބުނީ ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކެވެ. ފިރިހެނުންގެ މި ނިސްބަތް ހުރީ 13 ޕަސެންޓުގަ އެވެ.
މިހެން މި ދިމާވަނީ ވަގުތާ މެދު އަންހެނުންނާއި ފިރިހެނުން ވިސްނާ ގޮތް ތަފާތުވުމުން ހެއްޔެވެ؟
އެހެންނެއް ނޫނެވެ. ޗުއްޓީއަކަށް ތަނަކަށްދާން ތައްޔާރުވާ ނަމަ ނުވަތަ ޗުއްޓީއެއް ނިންމާފައި ދާން ތައްޔާރުވާ ނަމަ އަންހެނުން މާ ކުރިން ތައްޔާރުވެ އެވެ. އެއާ ހިލާފަށް މި ކަންކަމުގައި ފިރިހެނުން ތައްޔާރުވަނީ އެންމެ ފަހު ވަގުތަށެވެ.
މި ދިރާސާ ކުރުމަށް 2000 މީހަކާ ސުވާލުކޮށްފައިވެ އެވެ. މީގެ ތެރެއިން 65 ޕަސެންޓް މީހުން ބުނީ އެ މީހުންނަކީ އެ މީހުންގެ ބައިވެރިންނަށް ވުރެ މާ ތަރުތީބު، ގަޑިއަށް ފަރުވާތެރި މީހުން ކަމަށެވެ. ފިރިހެނުންގެ ތެރެއިން މިހެން ބުނީ 55 ޕަސެންޓް މީހުންނެވެ.