ވޯލްޑް ޗެމްޕިއަންޝިޕް: ސާއިދު ފުރަތަމަ ބުރަށް ކޮލިފައިވެއްޖެ
ވޯލްޑް ޗެމްޕިއަންޝިޕް: ސާއިދު ފުރަތަމަ ބުރަށް ކޮލިފައިވެއްޖެ

ދުނިޔޭގެ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ކަޑައްތުކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ހީޓް ބުރުން (ދެ ވަނަ ބުރު) ޖާގަ ހޯދައިފި އެވެ. ދެ ވަނަ ބުރުގައި މިރޭ ވާދަކުރި ނަމަވެސް ސެމީ ފައިނަލުން ފުރުސަތެއް ނުލިބުނެވެ.

ލަންޑަނުގައި ކުރިއަށްދާ އައިއޭއޭއެފް ވޯލްޑް ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރުން ސާއިދު ޖާގަ ހޯދީ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގައި ވާދަކޮށް ތިން ވަނަ ހޯދައިގެންނެވެ. ސާއިދު 10:45 ސިކުންތުން ދުވިއިރު އޭނާ ދިޔައީ މުޅި ޕްރިލިމިނަރީ ބުރުގެ 11 ވަނަ އަށެވެ.

ދެ ވަނަ ބުރުގައި މިރޭ ވާދަކޮށް އޭނާ ދިޔައީ ހީޓުގެ ހަތް ވަނަ އަށެވެ. ޓައިމިން އަކީ ހަމަ 10:45 ސިކުންތެވެ.

ދެ ވަނަ ބުރުގައި ދުވީ ޕްރިލިމިނަރީ ބުރުގެ ހަތަރު ހީޓުގެ އެންމެ ބާރު 14 ދުވުންތެރިންގެ އިތުރުން އޮޓޮމެޓިކުން ކޮލިފައިވެފައިވާ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ދުވުންތެރިންނެވެ. ދެ ވަނަ ބުރުން ދުވުންތެރިން ސެމީ ފައިނަލަށް ކޮލިފައިވިއިރު ދެން އޮންނާނީ ފައިނަލެވެ. ދިވެއްސަކު މިހާތަނަށް ވޯލްޑް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެއް ނުވެ އެވެ.

ޕްރިލިމިނަރީ ބުރުގައި ސާއިދު ދުވި ހީޓުގެ އެއް ވަނަ ހޯދީ 10:22 ސިކުންތުން ދުވި ތުރުކީގެ އެމްރޭ ޒަފަރު ބާންސް އެވެ. ދެ ވަނަ އަކީ އެންޓިގުއާ އެންޑް ބާބިއުޑާގެ ޝަވޯން ވެލްޝެވެ. އޭނާގެ ޓައިމިން އަކީ 10:44 ސިކުންތެވެ. ސާއިދުގެ ޓައިމިން ކަމަށްވާ 10:45 ސިކުންތަކީ އޭނާގެ ގައުމީ ރެކޯޑަށް ވުރެ 0.12 ސިކުންތުގެ ލަސް ޓައިމިން އެކެވެ.

ސާއިދު ވަނީ މީގެ ދެ އަހަރު ކުރިން 2015 ގައި ޗައިނާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ ޕްރިލިމިނަރީ ބުރުގައި ވެސް ވާދަކޮށްފަ އެވެ.

ސާއިދު މި މުބާރާތާ ކުރިމަތިލީ ދާދި ފަހުން ބޭއްވި މެލޭޝިއަން އޯޕަންގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމަށް ފަހު އެވެ. ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓަކުން މި އަހަރު ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް އޭނާ ހޯދައިދިން އިރު މިއީ ސާއިދު ކެރިއަރުގައި ހޯދި ތިން ވަނަ ރަން މެޑަލެވެ. އަދި ޖެހިޖެހިގެން ތިން އަހަރު ތެރޭ ހޯދި ތިން ވަނަ ރަން މެޑަލް ވެސް މެ އެވެ.

ރިޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއަކުން ފުރަތަމަ ރަން މެޑެލް ގެނެސްދިން ސާއިދު ވަނީ މިދިޔަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ވެސް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

އެއާ އެކު ސާއިދު މި ވަނީ އިންޑިއަން އޯޝަން (އެފްރިކާގެ އިރުމަތީ ބިތުގެ ސަރަހައްދު) އާއި ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ، މި ތިން ސަރަހައްދުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އޭނާ ވަނީ ދެކުނު އޭޝިއާގެ ރަސްމީ މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި މިދިޔަ އަހަރު 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ވެސް 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.

ދާދި ފަހުން އިންޑިއާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދައި މި ބިޔަ އޭޝިއާގެ ހަތަރު ވަނަ ހޯދި ސާއިދު ވަނީ މި އަހަރު ރާއްޖެ އަށް އޭޝިއާ ފެންވަރުގެ ފުރަތަމަ މެޑަލް ވެސް ހޯދައިދީފަ އެވެ. ޓައިވާނުގައި މި އަހަރުގެ އޭޕްރިލް މަހު ބޭއްވި އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ސާއިދު ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓް ސާއިދުގެ ވަނީ މިދިޔަ އަހަރުގެ ރިއޯ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދައި، އެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާއަށް އަށް ވެސް ވެފަ އެވެ.