04 އޯގަސްޓް 2017 - 19:07

ސިންގަޕޫރު (އޮގަސްޓް 4) - ސިންގަޕޫރު އެއާލައިންސް އަށް ކުރިމަތިވަމުންދާ މާލީ މައްސަލަތަކާ ގުޅިގެން ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ ކްރޫންނަށް މުސާރަ ނުދޭ ގޮތަށް ޗުއްޓީ ދޭން ނިންމައިފި އެވެ.
ސިންގަޕޫރުގެ ގައުމީ އެއާލައިނަށް ވަނީ އޭޝިއާގެ އަގު ހެޔޮ އެއާލައިންތަކާއި މެދުއިރުމަތީގެ ފެންވަރު ރަނގަޅު އެއާލައިންތަކާ ވާދަކުރަން ޖެހިފަ އެވެ. އެންމެ ފަހު މާލީ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ވެސް ސިންގަޕޫރު އެއާލައިންސަށް ވަނީ ގެއްލުންވެފަ އެވެ. އެހެންވެ ކުންފުންޏަށް ބަދަލުތައް ގެނެސް ވަޒީފާތައް މަދު ކުރުމުގެ ޕްލޭނެއް ވަނީ ރާވައިފަ އެވެ.
ސިންގަޕޫރު އެއާލައިންސް އިން ބުނީ ކްރޫންނަށް މިހާރު ހުށަހަޅާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރާއި ނޮވެމްބަރާ ދެމެދު މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށެވެ. އެއާލައިނުގެ ތަރުޖަމާނަކު ވިދާޅުވީ ކުރިމަގުގައި ވެސް ދޭތެރެ ދޭތެރެއިން މިގޮތަށް މުވައްޒަފުންނަށް މުސާރަ ނުލިބޭ ޗުއްޓީ ދޭން ޖެހޭނެ ކަމަށެވެ.
ސިންގަޕޫރު އެއާލައިންސްގައި 8،200 ކްރޫން މަސައްކަތް ކުރެ އެވެ. ނަމަވެސް އޭގެ ތެރޭން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް މިހާތަނަށް ހުށަހެޅީ ކިތައް ސްޓާފުން ކަމެއް އެއާލައިނުން ނުބުނެ އެވެ.
ދުނިޔެ އަށް ކުރިމަތިވި މާލީ މައްސަލަތަކާ ގުޅިގެން ސިންގަޕޫރު އެއާލައިންސް އިން 2009 ވަނަ އަހަރު ވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.