26 ޖޫން 2016 - 20:37

ލިޔޯން، ފްރާންސް (ޖޫން 26) - އެންޓޮއިން ގްރީޒްމަން ހަތަރު މިނިޓް ތެރޭގައި ޖެހި ދެ ލަނޑާ އެކު ފަހަތުން އަރައި އަޔަލެންޑް އަތުން 2-1 އިން މޮޅުވެ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފްރާންސް ޖާގަ ހޯދައިފި އެވެ.
މެޗުގެ ކުރީކޮޅު އަޔަލެންޑުން ލީޑު ނަގާފައިވަނިކޮށް ދެ ވަނަ ހާފްގައި ގްރީޒްމަން ގާތްގާތުގައި ވަނީ ދެ ލަނޑު ޖަހައި ފްރާންސް މޮޅުކޮށްދީފަ އެވެ. މި ދެ ލަނޑާ އެކު އޭނާ ވަނީ މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.
މެޗުގެ ތިން ވަނަ މިނިޓްގައި އަޔަލެންޑުގެ ޝޭން ލޯންގަށް ފްރާންސްގެ ޕައުލް ޕޮގްބާ ފައުލްކުރި ކަމަށް ބަލައި ރެފްރީ ވަނީ އަޔަލެންޑަށް ޕެނަލްޓީއެއް ދީފަ އެވެ. އެކަމަކު ރީޕްލޭ އިން ފެންނަ ގޮތުގައި ލޯންގް ވެއްޓުނީ ޕޮގްބާގެ ފައުލަކަށް ވުރެ ބޮޑަށް އޭނާގެ ގައިގައި ޖެހިފައި އައި ލޮޅުމަކާ އެކު އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ރޮބީ ބްރޭޑީ ވަނީ އަޔަލެންޑަށް ލީޑު ނަގައިދީފަ އެވެ.
އަޔަލެންޑުން މެޗުގެ ކުރީކޮޅު ލީޑުނެގުމާ އެކު އެ ޓީމުން ވަނީ މެޗު ލަސްކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެއާ އެކު އަޔަލެންޑުން ފުރިހަމަ ޑިފެންސިވް ކުޅުމެއް ވެއް ދެއްކި އެވެ. ފުރަތަމަ ހާފްގައި ފްރާންސްގެ ޕޮގްބާ އާއި ގްރީޒްމަން އަދި އޮލިވިއޭ ޖިރޯ ފޮނުވާލި ހަމަލާތައް އަޔަލެންޑު ކީޕަރު ޑަރެން ރަންޑޮލްފް ވަނީ މަތަކޮށްފަ އެވެ.
ލީޑުފުޅާކުރަން އަޔަލެންޑުގެ ފޯވާޑް ޑަރިލް މާފީ ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ. ހާފް ނިމުމުގެ ކުރިން ފްރާންސްގެ ޑިމިޓްރީ ޕަޔެޓަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އަޔަލެންޑް އޭރިއާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް އަޔަލެންޑުގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ބްލޮކް ކޮށްފަ އެވެ.
ފުރަތަމަ ހާފްގައި ބަލިވެފައި އޮތުމުން ފްރާންސް ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. އެންގޯލޯ ކޯންޓޭގެ ބަދަލުގައި އުއްމީދީ މިޑްފީލްޑަރު ކިންގްސްލީ ކޯމަން ކުޅެން އެރުވި އެވެ. ކޯމަން އެރުވުމާ އެކު ފްރާންސްގެ އެޓޭކްތައް އަވަސްވެ އަޔަލެންޑަށް ބާރުބޮޑުވި އެވެ.
ގްރީޒްމަން ފްރާންސަށް އެއްވަރުކޮށްދިނީ މެޗުގެ 58 ވަނަ މިނިޓްގަ އެވެ. ބަކާރީ ސަންޔާ ނަގައިދިން ހުރަހަކުން އަޔަލެންޑް އޭރިއާ ތެރެއިން ހުހަށް އަރައި ގްރީޒްމަން ވަނީ ބޮލުން ގޯލުގެ ކަނަށް އެ ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ގްރީޒްމަން ފްރާންސަށް ލީޑު ނަގައިިދިނެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ޖިރޯ ވަނީ ބޮލުން ގްރީޒްމަން އަށް ދީފަ އެވެ. ގްރީޒްމަން ވަނީ އެ ބޯޅަ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ 65 ވަނަ މިނިޓްގައި ގްރީޒްމަން އަށް ހެޓްރިކް ފުރިހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ކައުންޓަ އެޓޭކެއްގައި ޖިރޯ ދިން ބޯޅައެއް ހިފައިގެން ގްރީޒްމަން އަޔަލެންޑުގެ އޭރިއާ ތެރެއަށް ވަންނަނިކޮށް އެޓީމުގެ ޝޭން ޑަފީ ވަނީ އޭނާ ވައްޓާލައިފަ އެވެ. މި ފައުލާ ގުޅިގެން ޑަފީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
އަޔަލެންޑުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ފަހު 20 މިނިޓް ތެރޭގައި ފްރާންސުން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންދްރޭ ޕިއޭ ޖީނަޗް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.
ހެޓްރިކެއް ހަދަން ގްރީޒްމަން އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ އަޔަލެންޑުގެ ކީޕަރު ރަންޑޮލްފް ވަނީ މަތަކޮށްފަ އެވެ.
ކުއާޓާގައި ފްރާންސް ކުޅޭނީ މާދަމާ އިންގްލެންޑާއި އައިސްލޭންޑާ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.