އަކްޝޭގެ "ޕެޑްމޭން" އަންނަ އަހަރުގެ އެޕްރީލް 13 ގައި
އަކްޝޭގެ "ޕެޑްމޭން" އަންނަ އަހަރުގެ އެޕްރީލް 13 ގައި

"ޕެޑްމޭން" އޭ ބުންޏަސް މިއީ އެއްގޮތަކަށް ވެސް ސްޕައިޑަމޭން އާއި ސްޕަމޭން ކަހަލަ ސްޕަހީރޯއެއްގެ ވާހަކައެއް ނޫނެވެ. އެކަމަކު މިއީ ސްޕަހީރޯ އިން ކުރާ ކަހަލަ ވަރުގަދަ ކަމަކުން އެތައް ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސް ދިން މީހެއްގެ ވާހަކަ އެވެ.

"ޕެޑްމޭން" އަކީ އިންޑިއާގެ ރަށްފުށުގެ އަންހެނުންނަށް އަތްފޯރާ އަގެއްގައި ސެނިޓަރީ ނެޕްކިން ލިބޭނެ ގޮތް ހަދައި ދިނުމުގެ ގޮތުން ޕެޑް އުފެއްދުމުގެ މަސައްކަތްކޮށް، މުޅި އިންޑިއާގެ ސަމާލުކަން ހޯދި ޓަމިލްނާޑޫ އަށް ނިސްބަތްވާ އާދައިގެ ވިޔަފާވެރިއެއް ކަމަށްވާ އަރުނަޗަލަމް މުރުގަނަތަން ސެނިޓަރީ ނެޕްކިން ތައްޔާރު ކުރާ މެޝިން އީޖާދުކޮށް، އަންހެނުންގެ ސިއްހަތަށް އެހީއެއް ފޯރުކޮށް ދޭން ފެށި މަސައްކަތް ކިޔައިދޭ ފިލްމެކެވެ.

އޭނާގެ މި އާދަޔާހިލާފު މަސައްކަތުގެ އަގު ވަޒަންކޮށް އިންޑިއާގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ޕަދްމަ ޝްރީ އެވޯޑް ވެސް ދީފަ އެވެ.

އަރުނަޗަލަމްގެ ވާހަކަ ކިޔައި ދޭން އަކްޝޭ ކުމާރް "ޕެޑްމޭން" އާ އެކު ބޮޑު ސްކްރީނަށް މި އަންނަނީ، އޭނާގެ އަންހެނުން މިދިޔަ އަހަރު ނެރުނު ފޮތް "ދަ ލެޖެންޑް އޮފް ލަކްޝްމަން ޕްރަސާދު" ގައި އަރުނަޗަލަމްގެ ވާހަކަ ހިމެނުމާ އެކު ޑައިރެކްޓަރު އާރް ބަލްކީގެ ސަމާލު ކަމަށް އެ ވާހަކަ އައިސްގެންނެވެ.

އެހެންވެ އަރުނަޗަލަމްގެ ވާހަކަ ފީޗާ ފިލްމަކަށް ފައްކާކޮށް ސްކްރީނަށް ގެނެސް ދެނީ ޓްވިންކަލް އާއި ބަލްކީ ގުޅިގެންނެވެ. ބަލްކީއަކީ "ޕާ" އާއި "ކީ އެންޑް ކާ" ފަދަ ފިލްމްތަކުގެ ޑައިރެކްޓަރެވެ.

"ޕެޑްމޭން" އަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، ޓްވިންކަން މިހާރު ވަނީ އެ ފިލްމް ރިލީޒް ކުރާ ތާރީހު ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. މި ފިލްމް ސިނަމާތަކަށް އަންނާނީ އެޕްރީލް 13، 2018 ގަ އެވެ.

އަކްޝޭއާ އެކު "ޕެޑްމޭން" ގެ ކާސްޓުން ސޯނަމް ކަޕޫރާއި ރާދިޕާ އަޕްޓޭ ވެސް ފެނިގެން ދާނެ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ބަލްކީގެ "ލަކީ މެސްކޮޓް" އަމީތާބް ބައްޗަން ވެސް ފެނިގެން ދާނެ އެވެ.