11 އޯގަސްޓް 2017 - 10:47

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ހިންގާ ބޯޑުގެ އިންތިހާބުގައި ކްލަބްގެ ޗެއާމަނަކަށް ހަތަރު ވަނަ ދައުރަކަށް އަހުމަދު ސާޖިދު އިންތިހާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމުގައި ރޭ ބޭއްވި އިންތިހާބުގައި ވަނީ މާޒިޔާގެ ބޯޑު މެމްބަރުން ވެސް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ކޮށްފަ އެވެ.
ކްލަބްގެ ސޯޝަލް ވައިސް ޗެއާމަނަކަށް އަބްދުލް މުހައިމިން، އެޑްމިނިސްޓްރޭޝަން ވައިސް ޗެެއާމަނަކަށް އިބްރާހިމް ވަހީދު، ސްޕޯޓްސް ޗެއާމަނަކަށް އަބްދުﷲ މޫސާ އަދި ފައިނޭންސް ވައިސް ޗެއާމަނަކަށް މުހައްމަދު ނައީމް ވަނީ އިންތިހާބު ކޮށްފަ އެވެ.
ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަކީ ކުރިން ވެސް އެ މަގާމުގައި ހުރި އަބްދުލް ވައްހާބު އެވެ. އަދި ހަޒާންދާރަކަށް ފާތިމަތު ޝާއިރާ، ސްޕޯޓްސް މެނޭޖަރަކަށް މުހައްމަދު ސުވެއިދު (ސްވެޓޯ)، އޮގަނައިޒިން ސެކްރެޓަރީ އަކަށް އަހުމަދު ސުޒެއިރު އަދި އެސިސްޓަންޓް އޮގަނައިޒިން ސެކްރެޓަރީގެ މަގާމަށް މުހައްމަދު ޝިފާޒް ވަނީ ހަމަޖައްސައިފަ އެވެ.
ލިއޭޝަން އޮފިސަރަކަށް އަކުރަމް ރަމްޒީ ހަމަޖެއްސިއިރު، ބޯޑު މެމްބަރުންނަކީ އަހުމަދު ޝިފާޒް، ހަސަން ޝާފިއު، އަލީ ޝާހިދު، ހަސަން ޝިފާން އަދި އިބްރާހިމް ޝާފިއު އެވެ.
އާ ދައުރުގެ ހިންގާ ބޯޑުގެ ފުރަތަމަ ބައްދަލުވުން ރޭ ބާއްވާފައިވާއިރު ޗެއާމަންގެ އެޑްވައިޒަރަކަށް އިބްރާހިމް ފަޔާޒް ފުރިހަމަ އަގުލަބިއްޔަތާ އެކު ހަމަޖައްސައިފަ އެވެ. އަދި ޗީފް އެކްޒެކްޓިވް އޮފިސަރަކަށް ހަމަޖައްސާފައިވަނީ ހުސެއިން ޝާފިއު އެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާޒިޔާގެ ޗެއާމަން ސާޖިދު ވިދާޅުވީ މާޒިޔާ އަކީ މި ވަގުތު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށާއި އެއީ އެ ކްލަބްގެ ބޯޑު މެމްބަރުންނާއި ކްލަބްގެ ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކްލަބަކީ މާޒިޔާ އެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިއިރުން ފެށިގެން އެ ޓީމުން އަންނަނީ ކާމިޔާބީ ހޯދަމުންނެވެ. އަދި ފާއިތުވި ތިން އަަހަރަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ޓީމަކީ ވެސް މާޒިޔާ އެވެ.