05 އޯގަސްޓް 2017 - 06:59

އަންނަ މަހުގެ ހައެއްގައި އަޅުވާ ފިލްމް "ހައްދު" ގެ ލަވަތައް ލޯންޗް ކުރަން މާދަމާ ރޭ ހާއްސަ ހަފުލާއެއް ސޯލްޓް ކެފޭގައި ބާއްވާނެ އެވެ.

ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނީ މި ހަފުލާގައި، ފިލްމުގައި ހިމެނޭ ހަ ލަވަ ލޯންޗް ކުރުމުގެ އިތުރަށް، އެއް ލަވައިގެ ވީޑިއޯ ވެސް ދައްކައިލާނެ އެވެ.
މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ "ހައްދު" ގެ ލަވަތަކުގެ މިއުޒިކް ހަދާފައިވާ ފަންނާނުންގެ ތެރޭގައި ފަތޯ، ކުޑައިއްބެ، މިސްޓީ އަދި ކުޑަ ޝިޔާމް ހިމެނެ އެވެ.
ލަވަތަކުގެ ލިރިކްސް ހަދައި ލަވަތައް ކިޔާފައި ވަނީ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. އަދި އެ މީހުންގެ ފިރިހެން ދަރިފުޅު އަލްސަން މުހައްމަދު (އަލް) ގެ އަޑު ވެސް "ހައްދު" ގެ ލަވައަކުން އިވިގެން ދާނެ ކަމަށެވެ.
ފައްތާހު ބުނީ މި ރޭ ލަވަތައް ލޯންޗް ކުރުމާ އެކު މައި ޓޯންސް އިން ލަވަތައް ޑައުންލޯޑްކޮށްލެވޭނެ ކަމަށެވެ. "ހައްދު" ކޮންމެ ލަވައަކީ ފިލްމުގެ ވާހަކައިގެ ވަރަށް މުހިއްމު ބައެއް ކަމަށާއި ލަވަތަކާއި ފިލްމްގެ ނެރޭޝަން އޮންނާނޯ ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަށް އޭނާ ބުންޏެވެ.
ފައްތާހު ބުނީ އެހެންވެ ފިލްމުގެ ހުރިހާ ލަވައަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"މިއީ މަގޭ ފިލްމްތަކުގެ ތެރެއިން ހިމޭން ދުނިޔެ ފިޔަވައި އެންމެ ރީތި، އެންމެ ހިތްގައިމު އަމިއްލަ ރާގުގެ ލަވަތައް އިވިގެން ދާނެ ފިލްމަށް ވާނެ. ހާއްސަކޮށް މި ލަވަތައް ފުރިހަމަ ކުރަން ތޭރަ ވަނީ ވަރަށް ބުރަކޮށް، ވަރަށް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައި،" ފައްތާހް ބުންޏެވެ. "އެހެންވެ އޭނަގެ މަސައްކަތަށް ޝުކުރު އަދާކޮށެއް ނުނިމެނޭ."
ހޮނިހިރު ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ބާއްވާ އިވެންޓްގައި ޒުވާން ލަވަ ކިޔުންތެރިޔާ ބަތޫލްގެ ހުށަހެޅުންތަކެއް ފެނިގެންދާ އިރު، އަޝްފާ އާއި ތޭރަވާގެ ޕަފޯމަންސެއް ވެސް ފެނިގެން ދާނެ އެވެ.
މި އިވެންޓް އިތުރަށް ޗާލުކޮށް ދިނުމުގެ ގޮތުން ކުރީގެ މަޝްހޫރު ތިން މޮޑެލުން ކަމަށްވާ ޒިޔާދާ، ހަނީ އަދި ޝަފިއްޔާ ވެސް ބައިވެރި ވާނެ ކަމަށް ފައްތާހު ބުންޏެވެ.
އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ ލީޑް ރޯލް ކުޅެފައިވާ "ހައްދު" ސެޕްޓެމްބަރު ހައެއްގައި އަޅުވާ އިރު މި މަހުގެ އަށެއްގައި ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނެ އެވެ. ޓިކެޓާ ބެހޭ މައުލޫމާތު 7710088 އަށް ގުޅައިގެން ހޯދޭނެ އެވެ.
ޓިކެޓް ވިއްކާނީ 100ރ. އަށެވެ.