05 އޯގަސްޓް 2017 - 07:01

މިހާރު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ސިދާތު މަލްއުތުރާ އާއި ޖެކޮލިން ފެނާންޑޭޒްގެ ފިލްމް "ދަ ޖެންޓްލްމަން" ގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އާއި ޑީކޭގެ ފިލްމް "ފަރްޒީ" ގެ ވާހަކަ ދެކެވޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ.
އެހެން ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް ނުފެށި އޮތީ އެވެ. "ފަރްޒީ" އިއުލާން ކުރީ ލީޑް ރޯލަށް ޝާހިދު ކަޕޫރާއި ކިރިތީ ސެނަން ހިމަނައިގެންނެވެ. ފިލްމުގެ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުން ޝާހިދު ވަނީ ފަހުން އެ ފިލްމް ދޫކޮށްލައިފަ އެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، "ފަރްޒީ" ގެ ވާހަކަ މިހާރު ވަނީ އަލުން ތިލަވެފަ އެވެ. ބަދަލަކާ ވެސް އެކުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ އެކްޓަރުގެ ރޯލުން ފެންނާނީ އަރުޖުން ކަޕޫރެވެ. އޭނާ އަށް ފިލްމް ހުށަހަޅާފައިވާ އިރު، އަރުޖުން ފިލްމަށް ސޮއިކުރިކަން އަދި ކަށަވަރެއް ނޫނެވެ.
ނަމަވެސް އެ ފިލްމާ ގުޅުން ހުރި ގާތް މީހަކާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަރުޖުން ވަނީ "ފަރްޒީ" ކުޅެން އެއްބަސްވެފަ އެވެ. އަދި އެ ފިލްމަށް ވަރަށް އަވަހަށް އޭނާ ސޮއި ވެސް ކުރާނެ އެވެ.
އެހެންވެއްޖެ ނަމަ މި ފިލްމްވެގެން ދާނީ އަރުޖުން އާއި ކިރިތީ އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ފަރްޒީ" ގެ ކާސްޓަށް ބަދަލުތަކެއް ގެންނަން ނިންމި އިރު، މީގެ ވާހަކަ އަށް ވެސް ވަނީ ކުދިކުދި ބައެއް ބަދަލުތައް ގެނެސްފަ އެވެ.
މިހާރު ސިނަމާގައި އޮތް "މުބާރަކަން" ގައި ޑަބަލް ރޯލް ކުޅެފައިވާ އަރުޖުން ސޮއިކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި ވިޕުލް ޝާހްގެ "ނަމަސްތޭ ކެނަޑާ" އާއި ދިބާކަރް ބެނަޖީގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" ހިމެނެ އެވެ. މި ދެ ފިލްމުގައި އޭނާގެ ބަތަލާއަކީ ޕަރިނީތީ ޗޯޕްޅާ އެވެ.
ދާދި ފަހުން ރިލީޒް ކުރި "ރާބްތާ" ގެ ބަތަލާ ކިރިތީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 18 ގައި ރިލީޒް ކުރާ "ބެރިލީ ކީ ބަރްފީ" އިންނެވެ.