04 އޯގަސްޓް 2017 - 14:15

ލަންޑަން (އޮގަސްޓް 4) – އާސެނަލްގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ގަތުމަށް ފްރާންސުގެ ޗެމްޕިއަން މޮނާކޯ އިން 45 މިލިއަން ޕައުންޑުގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސަންޗޭޒްގެ ކޮންޓްރެކްޓުގައި ބާކީ އެންމެ އަހަރެއް އޮތްއިރު މިހާތަނަށް ކޮންޓްރެކްޓް އާކުރުމުގައި މާބޮޑު ކުރިއެރުމެއް ނެތެވެ. ކޮންޓްރެކްޓް އާނުކޮށްފި ނަމަ އަންނަ ސީޒަނަށް ފަހު އޭނާ ހިލޭ ދޫކޮށްލަން އާސެނަލަށް މަޖުބޫރުވާނެ އެވެ.
އޭނާ ޕްރިމިއާ ލީގުގެ ވާދަވެރި ޓީމަކަށް ނުވިއްކާނެ ކަމަށް ވެންގާ ވަނީ ބުނެފަ އެވެ. މިހާތަނަށް އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ވާދަވެރި މެންޗެސްޓާ ސިޓީ އެވެ. އިނގިރޭސި ނޫން ކްލަބްތަކުގެ ތެރެއިން ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް ޝައުގުވެރިވެ އެވެ.
ސަންޗޭޒް އަންނަ ސީޒަނުގައި ވެސް ފެންނާނީ އާސެނަލުން ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ވަނީ ބުނެފަ އެވެ. އެކަމަކު އޭނާ ކޮންޓްރެކްޓް އާނުކޮށްފި، މާލީ ގޮތުން ބަލާއިރު އޭނާ މަޑުކުރުވުމަކީ އާސެނަލަށް ލިބޭނެ ގެއްލުމެކެވެ.
އިއްޔެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިޓީން ވަނީ އެ ޓީމުގެ ސާޖިއޯ އަގުއޭރޯއާ ސަންޗޭޒް ބަދަލުކުރުމަށް ވެސް ހުށަހަޅައިފަ އެވެ.
މޮނާކޯ އިން ސަންޗޭޒުގެ މަސައްކަތް ފެށިއިރު އެ ޓީމުން ވަނީ މުހިއްމު ތަރިންތަކެއް ވިއްކާލައިފަ އެވެ. އޭގެ ތެރޭގައި ޗެލްސީ އަށް ވިއްކާލި ޓިމޮއޭ ބަކަޔޯކޯ އާއި ސިޓީ އަށް ވިއްކާލި ބެނާޑޯ ސިލްވާ އަދި ބެންޔަމިން މެންޑީ ހިމެނެ އެވެ. މީގެ އިތުރުން އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ވެސް ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ.
ޗެމްޕިއަންސް ލީގު ކުޅެން ސަންޗޭޒް ބޭނުންވާއިރު މޮނާކޯ އަށް ގޮސްފި ނަމަ އެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު ތަރިންތަކެއް ވިއްކާލާފައިވާ ޓީމަކަށް ގޮސްގެން ސަންޗޭޒަށް މާބޮޑު ކަމެއް ކުރެވިދާނެ ކަމަށް ނުބެލެވެ އެވެ.