05 އޯގަސްޓް 2017 - 06:58

ޕޫޖާ ބަޓްގެ ފްރެންޗައިޒް "ޖިސްމް" ގެ ތިން ވަނަ ފިލްމްގެ ސްކްރިޕްޓްގެ ފުރަތަމަ ޑްރާފްޓް މިހާރު ނިމި އޭގެ ލީޑް ރޯލް ކުޅޭނެ އެކްޓަރުންނާ ދޭތެރޭ ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.
ލޯބީގެ ގައިގޯޅި މަންޒަތައް ގިނަ "ޖިސްމް" ގެ ދެވަނަ ފިލްމް ބެލުންތެރިންނާ ހަމައަށް ޕޫޖާ ގެނެސް ދިނީ 2012 ގަ އެވެ. އެ ފިލްމްވެގެން ދިޔައީ ބޮލީވުޑަށް ސަނީ ލިއޯނީ ތައާރަފު ވެސް ކުރި ފިލްމަށެވެ.
ޕޫޖާގެ ބައްޕަ މަހޭޝް ބަޓް ލިޔެ، ޕޫޖާ ޑައިރެކްޓް ކުރި "ޖިސްމް 2" ގައި ލީޑުން ފެނިގެން ގޮސްފައި ވަނީ ސަނީއާ އެކު ރަންދީޕް ހޫޑާ އާއި އަރުނަދޭ ސިންގް އެވެ.
އެ ފިލްމަށް ފަހު ޕޫޖާ ގެންދިޔައީ "ޖިސްމް 3" ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ކަމަށް ބުނަމުންނެވެ. އެކަމަކު ފިލްން ހަދާނީ ވަރުގަދަ ސްޓޯރީ ލައިނަކާއި ފިލްމަށް ފިޓްވާ ކަހަލަ "ހޮޓް" ތަރިންތަކެއް ލިބިގެން ކަމަށް ބުންޏެވެ.
ޕޫޖާ ބުނީ އޭނާ ޑައިރެކްޓް ކުރާ "ޖިސްމް 3" ގެ ވާހަކަ ލިޔެފައި ވަނީ ކަސްތަވް ނަރަން ކަމަށާއި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އެމެރިކާގެ ލޮސް އެންޖަލިސްގައި ދިރިއުޅޭ ޑިގްވިޖޭ ސިސޯޑިއާ އާއި ސުނޭނާ ކުމާރީ ކަމަށެވެ.
"އެ މީހުންގެ ފުރަތަމަ ޑްރާފްޓް ކިޔަމުން މިހާރު މި އަންނަނީ. އަހަންނަށް މިހާރު ވެސް ޔަގީންކޮށް ދެވިދާނެ ޖިސްމުގެ ކުރީގެ ދެ ފިލްމަށް ވުރެ މާ ބޮޑަށް ވެސް ޖިސްމް ތިނެއް ބެލުންތެރިންނަށް ކަމުދާނެ،" އޭނާ ބުންޏެވެ.
"ޖިސްމް 3" އިން ލީޑް ރޯލުން ތިން އެކްޓަރުންނާ އެކު، ފެނިގެން ދާނީ އެންމެ ބަތަލާއަކާއެކެވެ. ޕޫޖާ ބުނީ ފިލްމަށް ގެންނަން ބޭނުންވާ އެކްޓަރުންތައް ސިކުނޑީގައި އެބަހުރި ކަމަށެވެ.
"އެކަމަކު ތިން އެކްޓަރުންގެ ތެރެއިން އެކަކު ވާނީ އަލަށް ލޯންޗް ކުރާ އެކްޓަރަކަށް. ފިލްމުން ދެން ފެންނާނީ މަޝްހޫރު ތަރިންތަކެއް. އެ މީހުންނަށް ފިލްމް އެޕްރޯޗް ކުރުމަށް ފަހު، އެއީ ކޮން ބައެއްކަން ބުނާނަން،" އަންނަ އަހަރު މަސައްކަތް ފަށާ ފިލްމާ ބެހޭ ގޮތުން ޕޫޖާ ބުންޏެވެ.
"ޖިސްމް 2" އަށް ރާއްޖޭގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ އުނޫޝާ (ކިޑީ) ވެސް ލަވައެއް ކިޔާފައިވެ އެވެ. ބާޗީގެ މިއުޒިކަށް އޭނާ ކިޔާފައި ވަނީ ކުލަބް ފީލްގެ ލަވައެއް ކަމަށްވާ "ހޭވައްލާ" ކިޔާ އިނގިރޭސި ލަވައެކެވެ.
"ޖިސްމް 2" އަށް ކިޑީ ކީ ލަވަތަކާ އެކު އޭނާވެގެން ގޮސްފައި ވަނީ ބޮލީވުޑްގެ ފިލްމަކަށް ލަވައެއްކީ ރާއްޖޭގެ ފުރަތަމަ ލަވަ ކިޔުންތެރިޔާއަށެވެ.