އަގުބޮޑު ވިޔަސް އިތުރު ތިން ކުޅުންތެރިން ބޭނުން: މޮރީނިއޯ
އަގުބޮޑު ވިޔަސް އިތުރު ތިން ކުޅުންތެރިން ބޭނުން: މޮރީނިއޯ

މެންޗެސްޓާ (އޮގަސްޓް 4) - ކުޅުންތެރިންގެ އަގު ކިތަންމެ ބޮޑުވިޔަސް މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް އިތުރު ތިން ކުޅުންތެރިން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިހާތަނަށް ތިން ކުޅުންތެރިން ގެނެސްފަ އެވެ. އެއީ ބެންފީކާގެ ސްވިޑެންގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފާއި އެވަޓަންގެ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫގެ އިތުރުން ޗެލްސީ އަށް މި ދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ސާބިއާގެ މިޑްފީލްޑަރު ނިމެންޔާ މަޓިޗެވެ. މި ކުޅުންތެރިންނަށް ޔުނައިޓެޑުން ވަނީ 140 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ.

ޔުނައިޓެޑުން ފާރަލަމުން އަންނަ ތިން ކުޅުންތެރިންގެ ތެރޭގައި ޕީއެސްޖީގެ ފުލްބެކް ސާޖިއޯ އޯރިއޭ އާއި އިންޓަގެ ވިންގާ އިވާން ޕެރިސިޗް ހިމެނެ އެވެ.

"ސީޒަންގެ ހުރިހާ މުބާރާތަކަށް ވާދަކުރާއިރު ވަރުގަދަ ބެލެންސް ސޮޑެއް އޮތުން މުހިއްމު. އަހަރެމެން މިދިޔަ ސީޒަނުގައި ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ދިމާވެގެން ހިތި ތަޖުރިބާތަކެއް ކޮށްފިން. މި ފަހަރު ނުކުންނާނީ އެކަމަށް ސަމާލުވެގެން. އެނގޭ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންގެ އަގުތަށް ވަނީ ވަރަށް ބޮޑަށް އުފުލިފައިކަން. ކިތަންމެ އަގުބޮޑު ވިޔަސް އިތުރު ތިން ކުޅުންތެރިން ބޭނުން،" މޮރީނިއޯ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެކޯޑް އަގަަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ނޭމާގެ އަގާ ގުޅޭގޮތުން މޮރީނިއޯ ދިނީ ތަފާތު ޖަވާބެކެވެ.

"މިހާރު ނޭމާގެ އަގަކީ 222 މިލިއަން ޔޫރޯ. ކިހިނެއް އެނގެނީ ކުރިއަށް އޮތް ފަސް ވަރަކަށް އަހަރު ތެރޭ އޭނާގެ ފަރާތުން ޕީއެސްޖީ އަށް އެކި ގޮތްގޮތުން ވާން ހުރި ފައިދާއެއް. އަހަރެންގެ ނަޒަރުގައި ނޭމާގެ ފީ ބޮޑެއް ނޫން،" މޮރީނިއޯ ބުންޏެވެ.

އޭނާ ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑާ ގުޅުނު ކުޅުންތެރިންގެ ސަބަބުން އެ ޓީމު މިހާރު އެތައް ގުނައެއް ވަރުގަދަވެފައިވާ ކަމަށް ބުނެފަ އެވެ.