04 އޯގަސްޓް 2017 - 13:30

މުޅި ރާއްޖޭގެ ބައިވެރިވުން އެންމެ ބޮޑުކޮށް މިހާތަނަށް ބާއްވާ ފުޓްބޯޅަ މުބާރާތް ކަމަށްވާ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މި އަހަރުގެ މުބާރާތް، ފްރާންސުގެ ކުރީގެ ކެޕްޓަން މާސެލް ޑެސައިލީ ޝަރަފްވެރިކޮށްދޭ ހާއްސަ ރަސްމިއްޔާތެއްގައި މިރޭ ހުޅުވާނެ އެވެ.

އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ބައްދަލުކުރާ މެޗުގެ ކުރިން ލީގު ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ގަލޮޅު ދަނޑުގައި އޮންނާނެ އެވެ. މި ރަސްމިއްތާތުގައި ޑެސައިލީއާ އެކު ލީގުގެ ސްޕޮންސާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޑެސައިލީ ވަނީ އިއްޔެ ރާއްޖެ އައިސްފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަރުން އޭނާ އަށް މަރުހަބާކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ޑެސައިލީ މިވަގުތު ހުރީ މާލެ އަތޮޅު ޖުމެއިރާ ވިޓަވެއްލި ރިޒޯޓުގަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި މިއުޒިކީ ހަރަކާތްތަކާއި އެމްއެންޑީއެފް ބްރާސް ބޭންޑުގެ އައިޓަމްތަކެއް ވެސް އޮންނާނެ އެވެ. ޑެސައިލީ ބައިވެރިވާ ހާއްސަ ހަރަކާތް އޮންނާނީ ހާފު ގަޑީގަ އެވެ. އޭނާ ސަޕޯޓަރުންނާ ބައްދަލުކޮށް އަދި ސޮއިކޮށްފައިވާ ބޯޅަތަކެއް ސަޕޯޓަރުންނަށް ހަދިޔާކުރާނެ އެވެ.
ދިވެހި ލީގުގެ މެޗުތަކަށް ޓިކެޓް ވިއްކާ ގޮތަށް އެފްއޭއެމުން ހަމަޖައްސާފައިވާއިރު މިރޭގެ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ފަރާތަކަށް ޑެސައިލީއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އެފްއޭއެމުން ދޭނެ އެވެ.
އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން ޖަވާޒް ވިދާޅުވީ ޓިކެޓް ވިއްކާ ގޮތަށް ހަމަޖެއްސީ މާބޮޑު މާލީ ފައިދާއެއް ހޯދުމަށް ނޫން ކަމަށެވެ. މިއީ ރާއްޖޭގެ އެންމެ ޝަރަފްވެރި އެއް މުބާރާތަށް ވުމުން މުބާރާތުގެ ހައިބަތު ބޮޑުކުރުމަކީ، ޓިކެޓް ވިއްކަން ނިންމި ސަބަބެއް ކަމަށް ޖަވާ ވިދާޅުވި އެވެ.
ސިޑިބަރިން 5ރ. އަށް ޓިކެޓް ވިއްކާއިރު ގޮނޑިބަރީގެ ޓިކެޓެއްގެ އަގަކީ 10ރ. އެވެ.
މިރޭގެ މެޗުގެ ޝަރަފްވެރި މެހެމާން ޑެސައިލީ ދިވެހިންގެ މެދުގައި ވޯލްޑް ކަޕުގެ ފޯރި އެންމެ ގަދަވި އަހަރު ކަމަށްވާ 1998 ގެ މުބާރާތް ފްރާންސުން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ފްރާންސް ގައުމީ ޓީމަށް 1993 އިން 2004 އަށް ކުޅެ އެ ޓީމުން ވޯލްޑް ކަޕުގެ އިތުރުން 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ. އަދި ފްރާންސުން 2001 އަދި 2003 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕް އުފުލައިލީ އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ.
ކްލަބް ކެރިއަރު 1986 ވަނަ އަހަރު ފްރާންސުގެ ނޯންޓްސް އިން ފަށައި 1992 ވަނަ އޮލިމްޕިކް މާސޭ އަށް ބަދަލުވެ އެ ކްލަބާ އެކު އެ އަހަރުގެ ޔޫރަޕިއަން ކަޕް ކާމިޔާބުކުރި އެވެ. އެ ޓީމުގައި އެއް ސީޒަން ހޭދަކުރުމަށް ފަހު އޭސީ މިލާނަށް ބަދަލުވެ އެ ކްލަބާ އެކު ފުރަތަމަ ސީޒަނުގައި ވެސް ޔޫރަޕިއަން ކަޕް ކާމިޔާބުކުރި އެވެ. މިލާނުގައި ފަސް އަހަރު ހޭދަކޮށް އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކުރުމަށް ފަހު އޭނާ ދެން ގުޅުނީ ޗެލްސީއާ އެވެ. އެ ޓީމާ އެކު އެފްއޭ ކަޕާއި ޔުއެފާ ސުޕަ ކަޕް އުފުލާލިއިރު ކެރިއަރު 2006 ގައި ނިންމާލީ ގަތަރުގެ އަލް-ގަރާފާ އާއި ގަތަރު ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު އެވެ.
ފީފާ އިން އެކުލަވާލި އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓް ކަމަށްވާ "ފީފާ 100" ގައި ހިމެނޭ ޑެސައިލީ އަކީ ސެންޓްރަލް ޑިފެންސުގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރަކަށް ވެސް ކުޅެފައިވާ އިސްކޮޅުން ދިގު، ބިޔަ، އަދި ހަލުވި ކުޅުންތެރިއެކެވެ. ފްރާންސުގެ ރަން ޖީލުގެ ޓީމުގައި ޒައިނުއްޒީދާން ޒިދާނާއި ތިއަރީ އޮންރީ އާއި ލޯރެން ބްލޮންކާއި ފަބިއަން ބާތޭޒާއި ޑިޑިއާ ޑިޝޯމްޕްސް އާއި ލިލިއަން ތުރާމާއި ޕެޓްރިކް ވިއެރާއާ އެކު އޭނާ ވަނީ ވަނީ ވަރުގަދަ ލީޑާޝިޕެއް ދައްކައިދީފަ އެވެ.