ނޯތު ކޮރެއާގެ މިސައިލެއް އެއާ ފްރާންސްގެ ބޯޓަކާ 62 މޭލު ކައިރިއަށް
ނޯތު ކޮރެއާގެ މިސައިލެއް އެއާ ފްރާންސްގެ ބޯޓަކާ 62 މޭލު ކައިރިއަށް

ޕިއޮންޔޮން (އޮގަސްޓް 4) - ނޯތު ކޮރެއާ އިން ޓެސްޓްކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލަކާ 100 ކިލޯ މީޓަރު (62 މޭލު) ކައިރިން 330 ޕަސިންޖަރުންނާ އެކު އެއާ ފްރާންސްގެ މަތިންދާ ބޯޓެއް ދަތުރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިސައިލް ވެއްޓުނު ތަން ހުރަސްކޮށް ޓޯކިޔޯ އިން ޕެރިހަށް ދިޔަ ބޯޓު ދަތުރުކޮށްފައި ވަނީ 10 މިނިޓް ފަހުންނެވެ. އެއާ ފްރާންސް އިން ބުނެފައި ވަނީ އެ އެއާލައިނުގެ ބޯޓަށް ނުރައްކާ ކުރިމަތިވެފައި ނުވާ ކަމަށެވެ. ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ނޯތު ކޮރެއާ ހިމެނޭ ހިސާބުގައި އުދުހުން މަނާ ސަރަހައްދަށް ވުރެ ފެއިން ދަތުރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ފްލައިޓް ޕާތުން ދައްކާ ގޮތުގައި ނޯތު ކޮރެއާގެ މިސައިލް ވައިގެ ތެރޭގައި ވަނިކޮށް ފްރާންސް އެއާގެ ބޯއިން 777 ގެ ބޯޓު ދަތުރު ކުރަމުން ދިޔައީ ޖަޕާނުގެ ހޮކައިދޯ ޖަޒީރާގެ ހުޅަނގުންނެވެ. ޖަޕާނާއި އެމެރިކާގެ އޮފިޝަލުން ލަފާކޮށްފައިވާ ގޮތުގައި ނޯތު ކޮރެއާގެ މިސައިލް ވަނީ ފްރާންސް އެއާގެ ބޯޓާ 100-150 ކިލޯ މީޓަރަށް ކައިރިވެފަ އެވެ.

ޕެންޓަގަނުގެ ތަރުޖަމާން ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ ކޮރެއާގެ މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ކަމަށެވެ. އެއީ މަތިންދާ ބޯޓު ފަހަރުގެ އިތުރުން މަސްވެރި އުޅަނދުތައް ވެސް ހަރަކާތްތެރިވާ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އޮފިޝަލުން ކުރިން ވެސް ވަނީ ނޯތު ކޮރެއާގެ މިސައިލްތަކުން ޕަސިންޖާ ޖެޓުތަކަށް ނުރައްކާ އޮތް ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ޖުލައި 2014 ގައި ވަނީ އެމްސްޓެޑަމުން ކުއާލަ ލަމްޕޫރަށް ދަތުރުކުރި މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް17 އަށް ޔޫކްރޭނުގެ އިރުމަތީގެ ހިސާބަކުން ފޮނުވާލި މިސައިލެއް އަރާ ބޯޓުން ދަތުރުކުރި 283 މީހުން މަރުވެފަ އެވެ.