04 އޯގަސްޓް 2017 - 12:09

ދުބާއީ (އޮގަސްޓް 4) - ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި އާއްމުން ދިރިއުޅޭ ބޮޑު އިމާރާތެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.
ސޯޝަލް މީޑިއާގައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓޯޗު ޓަވަރުގައި ރޯވި އަލިފާން ވަނީ އިމާރާތުގެ ވަރަށް މައްޗާ ހަމައަށް ފޯރައިފަ އެވެ. އަދި އަލިފާނާ އެކު ބައެއް ތަކެތި ވެސް ވަނީ ފައިބާން ފަށައިފަ އެވެ.
އޮފިޝަލުން ބުނެފައި ވަނީ އަލިފާނުގެ ހާދިސާ ހިނގުމާ އެކު އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ޓޯޗު ޓަވަރުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
ދުބާއީގެ ޓޯޗު ޓަވަރުގައި ފެބްރުއަރީ، 2015 ގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. ހަތްދިހަ ނުވަ ބުރީގެ ޓޯޗު ޓަވަރު ހުޅުވީ 2011 ވަނަ އަހަރު އެވެ. އެ އިމާރާތް ހުޅުވި އިރު އެއީ ދުނިޔޭގައި ހުރި އާއްމުން ދިރިއުޅޭ އެންމެ އުސް އިމާރާތެވެ. ނަމަވެސް އޭގެ ފަހުން ވަނީ އެއަށް ވުރެ އުސް ހަ އިމާރާތް ހަދައިފަ އެވެ. މިހާރު އެއީ ދުނިޔޭގައި 32 ވަނަ އަށް އެންމެ އިސް އިމާރާތެވެ. އެ ޓަވަރުގައި 676 އެޕާޓްމަންޓް ހިމެނެ އެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކާފައި ވަނީ 500،000 ޑޮލަރަށެވެ. އިމާރާތުގެ އަށް ފްލޯ ޚާއްސަކޮށްފައި ވަނީ ޕާކިން އަށެވެ.