26 ޖޫން 2016 - 16:41

ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އެންމެ ވަރުގަދަ އަދި އެންމެ އިންތިޒާމު ކޮށްގެން ކަންތައްތައް ހިނގާ އެއް ޕާޓީއަކީ އެމްޑީޕީކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަހާ ގުޅިގެން ޕާޓީގެ މެމްބަރުންނަށް މަރުހަބާ ކިޔައި ނެރުނު ބަޔާނުގައި ބުނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ޕާޓީން ވަނީ ރައްޔިތުންގެ ހައްގުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. އަދި ސިޔާސީ ކަންތައްތަކާއިގެން ކުރިއަށް ދިއުމުގައި އެމްޑީޕީން ދައްކާފައިވާ ސާބިތުކަމާއި ޖޯޝަކީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއަކަށް ދެއްކިފައިނުވާ ހިތްވަރެއްކަން ބަޔާނުގައި ބުންޏެވެ.
"މި ޕާޓީ ދެމިއޮވެފައިވަނީ އިސްލާމީ މަތިވެރި އުސޫލުތަކާއި ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމުގަ އާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި، ފަރުދީ މިނިވަންކަމާއި، އަދުލު އިންސާފާއި ގާނޫނުގެ ވެރިކަން ކުރިއަރުވައި ދިފާއުކުރުމުގަ އެވެ. ހަމަ އެފަދައިން އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ އަދި އެންމެ އިންތިޒާމުވެގެން ހިނގާ އެންމެ މަގުބޫލު އަދި އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފަހުރުވެރިކަމާއެކު ފާހަގަކުރަން،" ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި ގިނަ ޕާޓީތަކުން ބައިވެރިވި ފުރަތަމަ ރިއާސީ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީކަން ފާހަގަކުރަމުން، ބަޔާނުގައި ބުނީ، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެމްޑީޕީ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް ކޮށްދިން ކަމަށެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށާއި އެކަނިވެރި މައިންނަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ގާއިމް ކުރުމާއި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވާލުމާއި ޒުވާނުންނަށް ދެ ވަނަ ފުރުސަތުގެ ޕްރޮގްރާމްތައް ހިންގުން ފަދަ ކަންތައް ހިމެނެ އެވެ.
ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި މައްސަލަތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދުނިޔޭގައި ލީޑަޝިޕެއް ދައްކުވައިދީފައި ކަމަށާއި އަދި ތިމާވެށީގެ ދާއިރާއިން ނަން ހިނގާ ގައުމަކަށް ރާއްޖެ ހަދާދީފައިވާކަން ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ބޮޑު ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރެ އެވެ. އެ ދުވަހު މާލެ އާއި އެކި ރަށްރަށުގައި ކުލަގަދަ ޕެރޭޑެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.