މަތިންދާ ބޯޓަކުން ޖެހި ޕޯޗުގަލްގެ ބީޗަކުން ދެ މީހުން މަރުވެއްޖެ
މަތިންދާ ބޯޓަކުން ޖެހި ޕޯޗުގަލްގެ ބީޗަކުން ދެ މީހުން މަރުވެއްޖެ

ލިޒްބަން (އޮގަސްޓް 3) - އިމަޖެންސީގައި ޖެއްސި ކުޑަ މަތިންދާ ބޯޓަކުން ޖެހި ޕޯޗުގަލްގެ ގޮނޑުދޮށެއްގައި އުޅުނު ބައެއްގެ ތެރޭން ދެ މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ލިޒްބަންގެ ހުޅަނގު-ދެކުނުން އޮންނަ ސައޮ ޖޮއާއޯ ބީޗުގަ އެވެ. ނޭޝަނަލް މެރިޓައިމް އޮތޯރިޓީން ބުނީ މަތިންދާ ބޯޓުން ޖެހި މަރުވެފައި ވަނީ މެދު އުމުރުގެ ފިރިހެނަކާއި ކުޑަ އަންހެން ކުއްޖެއް ކަމަށެވެ. މަތިންދާ ބޯޓުގައި ތިބި ދެ މީހުންނަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ޕޯޗުގަލްގެ ޑިއަރިއޯ ޑި ނޮޓިސިއަސް ނޫހުން ބުނީ ބީޗު ސަރަހައްދުން މަތިންދާ ބޯޓު ދަތުރުކޮށްފައި ދިޔައީ ވަރަށް ތިރިން ކަމަށެވެ. އަދި ބައެއް މީހުން ބޯޓުގައި ޖެހިދާނެތީ ސަލާމަތްވާން ދުވި ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ. މަރުވެފައި ވަނީ ކުއްލި ހާލަތުގައި ބޯޓު ވެލިގަނޑުގައި ޖައްސަން ދިޔައިރު ބޯޓުން ޖެހުނު ދެ މީހުންނެވެ.