03 އޯގަސްޓް 2017 - 16:40

ކޮލަމްބޯ (އޮގަސްޓް 3) - ހަމްބަންޓޯޓާ ބަނދަރު ޗައިނާ އަށް ވިއްކާލުމަށް ފަހު ލަންކާގައި ޓޫރިސްޓް ހޮޓާ ހިންގާ އެންމެ ބޮޑު ދެ ކުންފުނީގެ ހިއްސާ ވިއްކާލަން ވެސް ނިންމައިފި އެވެ.
ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވީ ހޮޓެލް ޑިވެލޮޕާސް (ލަންކާ) ޕަބްލިކް ކުންފުނީގެ 51 ޕަސެންޓް ހިއްސާ ވިއްކާލަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ ހޮޓާ މެނޭޖް ކުރަނީ ހިލްޓަންއިންނެވެ. ކުންފުނީގެ އަގު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ލަންކާ ސަރުކާރުން ވަނީ ކެންވިލް ހޯލްޑިންސް (ޕްރައިވެޓް) ލިމިޓެޑުގެ ހިއްސާ ވެސް ވިއްކާލަން ނިންމައިފަ އެވެ. އެ ކުންފުނިން ވަނީ 49 ބުރީގެ ހޮޓަލެއް ހަދައިފަ އެވެ. އެ ހޮޓާ ނިމުމުން މެނޭޖް ކުރާނީ ގްރޭންޑް ހަޔަޓުންނެވެ. ކެންވިލް އަކީ ޕްރައިވެޓް ކުންފުންޏެއް ނަމަވެސް އެ ކުންފުނީގައި ސަރުކާރުގެ ތިން ކުންފުންޏެއްގެ ހިއްސާ އޮވެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އިންޝުއަރެންސް ކުންފުޏްނާއި އެ ކުންފުނީގެ ސަބްސިޑަރީއަކާ އަދި ޕެންޝަން ފަންޑު ހިމެނެ އެވެ. ކެންވިލްގެ ހޮޓެލް ޕްރޮޕަޓީގެ އަގަކީ 240 މިލިއަން ޑޮލަރު ކަމަށް އިންޝުއަރެންސް ކުންފުންޏަކުން މިދިޔަ އަހަރު އަގުކޮށްފައިވެ އެވެ.
ލަންކާގައި ހޮޓާ ހިންގާ ދެ ކުންފުނި ވިއްކާލަން އިއުލާންކުރި އިރު ދެކުނުގެ ހަމްބަންޓޯޓާ ބަނދަރު ވަނީ ޗައިނާ ކުންފުންޏަކަށް 1.12 ބިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ. ހަމްބަންޓޯޓާ ބަނދަރު ދެން ހިންގާނީ ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިންސް އާއި ލަންކާ ޕޯޓް އޮތޯރިޓީންނެވެ.
ލަންކާ އިން މިހާރު ވަނީ ގައުމީ އެއާލައިނުގެ ހިއްސާ ވިއްކާލަން ވެސް އިއުލާންކޮށްފަ އެވެ. އެ މަސައްކަތް މަޑުޖެހިފައި ވަނީ ރަނގަޅު އިންވެސްޓަރަކު ނުލިބިގެންނެވެ.
ލަންކާ އިން ބުނީ ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކާލައިގެން ލިބޭ ފައިސާ ޚަރަދު ކުރާނީ ބޭރުގެ ދަރަނި ކުޑަކުރަން ކަމަށެވެ.