ޓީއެފްޖީގެ އައްޑޫ ދުވުމުގައި ބައިވެރިވާން ހުޅުވާލައިފި
ޓީއެފްޖީގެ އައްޑޫ ދުވުމުގައި ބައިވެރިވާން ހުޅުވާލައިފި

އައްޑޫ ސިޓީގައި ޓީއެފްޖީން ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ބާއްވާ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"ރަން އިން މޯލްޑިވްސް" ސިލްސިލާގެ ދަށުން ޓީއެފްޖީން ބާއްވާ ފުރަތަމަ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޯޓުރޭސް ޑޮޓް ކޮމްގަ އެވެ. މިއީ ބައިނަލްއަގްވާމީ ދުވުންތަކުގެ ރަޖިސްޓްރޭޝަނާއި ޕްރޮމޯޝަންތަކަށް ހާއްސަ ވެބްސައިޓެކެވެ.

ޓީއެފްޖީން ހުޅުވާލާފައިވަނީ 300 ޖާގަ އެވެ. އެ ފަރާތުން ބޭނުންވަނީ އޭގެ ތެރެއިން މެޖޯރިޓީ ބައިވެރިންނަކީ އައްޑޫ، ފުވައްމުލަކު ނުވަތަ އެ ސަރަހައްދަށް ނިސްބަތްވާ ދުވުންތެރިންނަށް ވުމެވެ. އަދި މާލޭން ބައިވެރިވާ ދުވުންތެރިންނާ އެކު މާލޭން 200 އެއްހާ މީހުން އައްޑު އަށް ގެންދަން ޓީއެފްޖީން ބޭނުންވެ އެވެ.

ޓީއެފްޖީން އަންނަނީ ބައިވެރިންނަށް ހާއްސަ ޕެޖޭކްތަކެއް ތައާރަފްކުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއާ އެކު މަޝްވަރާކުރަމުންނެވެ. އޭގެ ތަފްސީލް އަންނަ ހަފުތާގައި ހާމަކުރަނެ އެވެ.

މީގެ އިތުރުން ޓީއެފްޖީން އަންނަނީ އައްޑޫ ސިޓީގައި އާއްމުންނަށް ދުވުމާ ގުޅޭ މައުލޫމާތާއި ދުވުމުގެ ތަމްރީންތައް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންނެވެ.

މި ދުވުމަކީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހު އައްޑޫގައި "ރަން އިން އައްޑޫ" ރޭސް ބާއްވާއިރު ލ. އަތޮޅުގެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26/27 ގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކަމަށްވާ ކޮކޯކޯލާ ލޯންގް ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެ އެވެ.

އައްޑު ސިޓީގެ ގުޅިފައިވާ ފަސް ރަށުގައި ރޭސް ބާއްވާއިރު މި ރޭސް، ޓީއެފްޖީން ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގެ ރޫޓާ މުޅިން ތަފާތު ވާނެ އެވެ. ރޭހުގައި ހިމެނޭ ފަސްކިލޯމީޓަރާއި 10 ކިލޯމީޓަރާއި ހާފް މެރެތަން އަދި ފުލް މެރެތަން އިވެންޓްތައް ހިތަދޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރަށް ނިންމި ނަމަވެސް ހަތަރު ރޭސް ވެސް ފަށާނީ ތަފާތު ހަތަރު ދިމާލަކުންނެވެ.

ފުލް މެރެތަން (42 ކިލޯމީޓަރު) ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރުންނެވެ. އެތަނުން ފަށައިގެން މަރަދޫ އާއި ފޭދޫ ހުރަސްކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާ ހަމައަށް ގޮސް އެތަނުން އަނބުރާލާފައި އައިސް ރޭސް ނިންމާނީ ކޮންވެންޝަން ސެންޓަރަށެވެ.

ލޯންގް ރަންގައި 3:20 ގައި މެރެތަން ފެށި ނަމަވެސް މި ފަހަރު ލަސްކުރީ ފަޅު ސަރަހައްދުތަކާ ދުވުންތެރިން އަރާހަމަކުރާއިރު އިރުގެ އަލި ހުންނާނެ ވަގުތަކާ ދިމާކުރުމުގެ ބޭނުމުގަ އެވެ. ބައެއް ސަރަހައްދުތަކަށް ރޭގަނޑު އެއްވެސް ގޮތަކަށް އަލިކަން ލިބޭނެ ގޮތެއް ނެތްއިރު، އަނދިރީގައި ދުވަން ޖެހުމަކީ ދުވުންތެރިންނަށް އެހާ ރައްކާތެރި ގޮތެއް ނޫނެވެ.

ހާފް މެރެތަން (21 ކިލޯމީޓަރު) ފެށުމަށް ހަމަޖެހިފައިވަނީ އެއާޕޯޓުގެ ޓާމިނަލް ދޮރުމަތިންނެވެ. އަދި އެތަނުން ފަށައިގެން ފޭދޫ އާއި މަރަދޫ ހުރަސްކޮށް ރޭސް ނިންމާނީ ހިތަދޫ ކޮންވެންޝަން ސެންޓަރަށެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 6:45 ގަ އެވެ.

ރޭހުގައި ހިމެނޭ 10 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގަ އެވެ. އަދި 5 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގަ އެވެ. ދެ ރޭސް ވެސް ނިންމަން ޖެހޭނީ ކޮންވެންޝަން ސެންޓަރަށެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. ޓީއެފްޖީން އަންނަނީ ބައިނަލްއަގްވާމީ ދުވުންތެރިންނަށް ވެސް ރޭސް މާކެޓްކުރަމުންނެވެ.