އެމްއެޗް370 ހޯދަން ކަނޑުއަޑި ބަލާ އެމެރިކާ ކުންފުންޏަކުން ހުށަހަޅައިފި
އެމްއެޗް370 ހޯދަން ކަނޑުއަޑި ބަލާ އެމެރިކާ ކުންފުންޏަކުން ހުށަހަޅައިފި

ކުއާލަ ލަމްޕޫރު (އޮގަސްޓް 3) - މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދައިދޭން ކަނޑުއަޑި ހޯދާ ބެލުމުގެ އެމެރިކާގެ ތަޖްރިބާކާރު ކުންފުންޏަކުން ހުށަހަޅައިފި އެވެ.

މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ.

އެމެރިކާގެ ތަޖްރިބާކާރު ކުންފުނި، އޯޝަން އިންފިނިޓީން ބުނީ ކަނޑުއަޑި ބެލުމުގެ އެންމެ ފަހުގެ ވަސީލަތްތައް އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އޯޝަން އިންފިނިޓީގައި ކަނޑުއަޑި ބަލާ ހަ ވެހިކަލްގެ ފްލީޓެއް އޮވެ އެވެ. އެ ވެހިކަލްތަކުން ސީބެޑުގެ ޑޭޓާ 6،000 މީޓަރު (19،700 ފޫޓު) އަޑިން ހޯދެ އެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބް އަޒީޒް ކަޕްރާވީ ވިދާޅުވީ އެމެރިކާ ކުންފުނިން އެމްއެޗް370 ހޯދައިދޭން ހުށަހަޅާފައިވާ ކަމަށާއި އެ މީހުން އަގެއް ނަގަން ބޭނުންވަނީ ބޯޓު ފެނިއްޖެ ނަމަ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާ ކުންފުންޏާ އެކު އެއްބަސްވުމަކަށް އައުމުގެ ކުރިން ޗައިނާ އާއި އޮސްޓްރޭލިއާގެ ރުހުން ވެސް އެކަމަށް ހޯދަން ޖެހޭނެ ކަމަށް ކަޕްރާވީ ވިދާޅުވި އެވެ.

އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ. އެކަމަކު އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް ޖަމިއްޔާ އިން އެޕްރީލް މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާކުރެވެނީ ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދުގެ އުތުރުގައި ކަމަށެވެ.