04 އޯގަސްޓް 2017 - 06:39

އަނުޝްކާ ޝަރްމާގެ ޑިމާންޑް ބޮލީވުޑްގައި ކިތަންމެ ބޮޑަސް އޭނާ ހުރީ ހަމައެކަނި އެހެން މީހުންގެ ފިލްމްތައް އެކަނި ކުޅޭ ގޮތަކަށް ނޫނެވެ. އޭނާއަކީ މިހާރު ޒިންމާދާރު އަދި ކާމިޔާބު ޕްރޮޑިއުސަރެއް ވެސް މެ އެވެ.
ދެ ފިލްމެއް ޕްރޮޑިއުސްކޮށް، އެ ދެ ފިިލްމުގައި ލީޑިން ބަތަލާގެ ރޯލް ކުޅުމަށް ފަހު، އަނުޝްކާ މިހާރު އަންނަނީ ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ ތިން ވަނަ ފިލްމް "ޕަރީ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.
"އެންއެޗް 10" އިން ޕްރޮޑިއުސަރެއްގެ ކްރެޑިޓް ނެގުމަށް ފަހު، އޭނާގެ ދެވަނަ ފިލްމަކަށްވީ މި އަހަރުގެ އަމިއްލަ ފިލްމް ސްޓޫޑިއޯ ކްލީން ސްލޭޓް ފިލްމްސް އިން މާޗްގައި ރިލީޒް ކުރި "ފިލޯރީ" އެވެ.
ކްލީން ސްލޭޓަކީ އަނުޝްކާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރްމާ ހިއްސާވާ ކުންފުންޏެކެވެ.
ހުނަރުވެރި ބަތަލާ ބުނަނީ ހަމައެކަނި ފިލްމް ޕްރޮޑިއުސްކޮށްފައި ހިތްހަމަޖައްސާލައިގެން ހުންނަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ މިހާރު ޓްރެންޑްވެފައިވާ ވެބް ސީރީޒްއާ ދިމާލަށް ވެސް އޭނާގެ ލޯ ހުރީ އަމާޒުވެފަ އެވެ.
"އަހަރެން މިހާރު އެކަހަލަ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފިން. އޭގެ ތަފުސީލްތައް ވަރަށް އަވަހަށް ދޭނަން. ވެބް ސީރީޒްއަކީ އަނެއްކާ ވެސް ވާހަކަތައް ކިޔައި ދޭން ލިބޭ ވަރަށް ވަރުގަދަ ޕްލެޓްފޯމަކަށް ވާނެ. އަދި މިއީ ބޮޑު ސްކްރީނުގައި އާންމުކޮށް ދައްކަން އުޒުރުވެރިވާ ކަހަލަ ކޮންޓެންޓް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދެވޭނެ ވަސީލަތެއް،" ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އެހެންވެ މިއީ ޑައިރެކްޓަރުންނަށް ހަގީގަތުގައި ލިބޭ ވަރަށް ބޮޑު ފުރުސަތެއް."
ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ރައްޓެހިވެގެން އުޅޭ ބަތަލާ މިކަމާ ގުޅިގެން ދެއްކި ވާހަކަތަކަށް ބަލާ އިރު އޭނާ ހުރީ އަމިއްލަ އަށް ވެބް ސީރީޒް ކުޅެން ވެސް ތައްޔާރަށެވެ. އޭނާ ބުނީ އެޕިސޯޑްތަކަކަށް ދެމިގެންދާ އެއްޗެއްގެ ކެރެކްޓާއެއް ކުޅެލުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވެސް ވާނެ ކަމަށެވެ.
އެހެންވެ ވެބް ސީޒީޒް ޕްރޮޑިއުސް ކުރާނެ ކަމުގެ ޔަގީންކަން 29 އަހަރުގެ ބަތަލާ ދިނެވެ.
ޝާހްރުކް ހާނާ އެކު ކުޅެފައިވާ "ޖަބް ހެރީ މެޓް ސޭޖަލް" މިއަދު ސިނަމާތަކުގައި ދައްކަން ފެށި އިރު، އަނުޝްކާ ސޮއިކޮށްފައި އޮތް ދެ ފިލްމެއް ވެސް ކުރިއަށް އެބަ އޮތެވެ.
އެއީ އަނެއްކާ ވެސް ޝާހްރުކާ އެކު ކުޅޭ އާނަންދް އެލް ރާއީގެ ޑްވާފް ފިލްމާއި ވަރުން ދަވަންއާ އެކު ކުޅޭ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ.