03 އޯގަސްޓް 2017 - 13:44

ޖިއްދާ (އޮގަސްޓް 3) - ރަތް ކަނޑުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ޖިއްދާގައި ސައުދީ އަރަބިއާ އިން ތަރައްގީ ކުރާ ރިސޯޓަށް މި އަހަރު ދެ މިލިއަން ޓޫރިސްޓް ޒިޔާރަތް ކުރާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ވެލީގެ ދޮނޑުދޮށަކާ އެކު ތަރައްގީ ކުރާ ރިސޯޓުގެ ހަތަރު ވަނަ އަދި ފަސް ވަނަ ފިޔަވަހި އޮކްޓޯބަރު މަހަށް ނިމޭނެ އެވެ. އަށް ސަތޭކަ މިލިއަން ސައުދީ ރިޔާލުގެ ޕްރޮޖެކްޓް ނިމޭއިރު ރަތް ކަނޑާ ގުޅިގެން ހަތަރު ކިލޯ މީޓަރުގެ ދޮނޑުދޮށެއް ހަދާނެ އެވެ.
ޖިއްދާގެ މޭޔަރު ޑރ. ހާނީ އަބުރަސް ވިދާޅުވީ ޖިއްދާގެ ޓޫރިޒަމް ތަރައްގީ ކުރުމަކީ ސައުދީ ސަރުކާރުން ވަރަށް އިސްކަން ދޭ މަޝްރޫއެއް ކަމަށެވެ.
ސައުދީ އަރަބިއާ އިން މި ހަފުތާގައި ވަނީ ރަތް ކަނޑުގައި ލަގްޒަރީ 50 ރިސޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް އިއުލާންކޮށްފަ އެވެ. ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިންތަކާ ގުޅިގެން މި މަޝްރޫއު ހިންގަނީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިންނެވެ.
ރަތް ކަނޑުގައި ލަގްޒަރީ ފެންވަރުގެ 50 ރިސޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ސައުދީ އަރަބިއާ އިން މި ހަފުތާގައި ވަނީ އިއުލާންކޮށްފި އެވެ.
ތެލުގެ އަގު ދަށްވާތީ އިގްތިސާދު ފުޅާ ކުރުމަށް ސައުދީން ހިންގާ މަޝްރޫއުގެ ދަށުން ބޭރުގެ ޓޫރިސްޓުންގެ އިތުރުން ސައުދީގެ ގިނަ ބަޔަކު ވެސް އަލަށް ހަދާ ރިސޯޓްތަކަށް ދާނެ ކަމަށް އެ ގައުމުން ލަފާކޮށްފައިވެ އެވެ.
ސައުދީން އަލަށް ދާ ރިސޯޓްތަކުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރު ފަށަން ވަނީ ނިންމައިފަ އެވެ. ފުރަތަމަ ފިޔަވަހި 2022 ވަނަ އަހަރު ނިންމަން ވަނީ ޕްލޭންކޮށްފަ އެވެ. މި ފިޔަވަހީގައި އެއާޕޯޓާއި ލަގްޒަރީ ހޮޓާތަކާއި ހައުސިން މަޝްރޫއެއް ވެސް ހިމެނެ އެވެ.
ޓޫރިޒަމް ޕްރޮޖެކްޓަކީ ސައުދީން އިއުލާންކޮށްފައިވާ ވިޝަން 2030 ގެ މުހިންމު ބައެކެވެ. ސައުދީ އަރަބިއާ އަށް މިހާރު ވެސް އެތައް މިލިއަން ބަޔަކު ޒިޔާރަތް ކުރެ އެވެ. ސައުދީގައި މަސައްކަތް ކުރަންދާ މީހުންގެ އިތުރުން ހައްޖާއި އުމްރާ އަށް ދާ މީހުންގެ ވިސާ ފީ އިން ވެސް އެ ގައުމަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.